ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ ދެ އިސްވެރިންގެ މައްޗަށް ދަޢުވާކުރުން
2 ޑިސެމްބަރު 2025
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ދެ ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވި މައްސަލައިގައި ދަޢުވާކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން 01 ޑިސެންބަރު 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. އޭސީސީއިން މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 14 އޮގަސްޓް 2025 ގައެވެ .
މި މައްސަލައިގައި ތުޙުމަތުކުރެވޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރު މަރްޔަމް ދީނާ ޞާލިޙް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ އޭރުގެ ޑިރެކްޓަރުގެ ގޮތުގައި ހުރި އިސްމާއިލް ޝަމްއޫން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ ކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށް، އެ ކުންފުނިން ފެނަކަ އަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ހޯދައިދީފައިވެއެވެ .
މި މައްސަލައިގައި ދަޢުވާ ކޮށްފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ ގޮތުގައި އޭރުހުރި އިސްމާއިލް ޝަމްއޫން އާއި، އެ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށެވެ. މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ އިތުރުންވެސް ފެނަކައިގެ ކުރީގެ ވެރިން ހިމެނޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދަޢުވާކުރުމާމެދު ގޮތެއްނިންމަން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މިކޮމިޝަނުން މަޝްވަރާ ކުރަމުންގެންދާކަން މަޢޫލޫމާތައްޓަކައި ދެންނެވީމެވެ .