...

"ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުއްވުމާ ގުޅޭ

"ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަކީ، ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ  އަދި ތާރީޚީ މުހިންމު ފިޔަވަޅެއްކަމުގައި ދެކި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން އެކަމަށް   މަރުޙަބާ ދަންނަވަމެވެ.

​މި  ބިލުގެ ސަބަބުން، ކޮރަޕްޝަންގެ ކުށްތައް  ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުޙައްޤު މަންފާ އަނބުރައި ދައުލަތަށް ނަގައި، ޤާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިއުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ޤާނޫނީ އޮނިގަނޑެއް ޤާއިމުވެގެންދާނެއެވެ.

​މި މުހިންމު ފިޔަވަޅަކީ، މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެންގެ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެކެވެ.

​ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި،  އެންމެ މަތީ ދަރަޖައިގެ އިންސާފު ޤާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ  މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު ގުޅިގެން ގާތުން މަސައްކަތް ކުރުމުގައި ކޮމިޝަން އަބަދުމެ ދެމި އޮންނާނެއެވެ.

ކޮމިޝަނުގެ އުންމީދަކީ، މި ބިލު، ވީ އެންމެ އަވަހަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަވައި، ޢަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެން ދިއުމެވެ.