އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް މާކެޓް ރޭޓަށްވުރެ ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތައް ހޯދި މައްސަލައިގައި ދަޢުވާ ކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމައިފި
10 ނޮވެމްބަރު 2026
ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއްކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ މައްސަލައިގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ 4 މުވައްޒަފެއްގެ މައްޗަށް ދަޢުވާކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 10 ނޮވެންބަރުގައި ނިންމައިފިއެވެ. މި މައްސަލައިގައި ދަޢުވާކޮށްދެއްވުމަށް އެދި ފޮނުވަން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ފަރާތާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި 3 މެންބަރެއްގެ މައްޗަށެވެ.
މި މައްސަލައަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް 4 މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން 2025 ވަނަ އަހަރު ކުރި އިޢުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. އެ އިޢުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 (ސާޅީސް ހާސް) މައިކްރޯޕިޕެޓް ޓިޕް— Micropipette tips, without filter, 10-200 microliter (yellow)— ހޯދުމަށް އިޢުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023/R-158)އާ ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން އޭސީސީގެ ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.
އޭސީސީން މި މައްސަލައިގައި ދަޢުވާ ކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ފަރާތްތަކަކީ:
• މުޙައްމަދު ޞާއިން އަޙްމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރ / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)
• ޢަޡީމް ލަޠީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއަރޕާސަން)
• ޢަބްދުﷲ ވަޙީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ (ބިޑު ކޮމިޓީގެ މެންބަރު)
• ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)
މި ފަރާތްތަކުގެ މައްޗަށް ދަޢުވާ ކޮށްދެއްވުމަށް އެދި ފޮނުވަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މީގެއިތުރުން، އެ ޤާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާވެސް އެ ފަރާތްތަކުގެ މައްޗަށް ކޮށްދެއްވުމަށް އެދި ފޮނުވުމަށް ވަނީ ނިންމާފައެވެ.
އަދި މައްސަލައަކީ، ޤާނޫނުލްއުޤޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ކުށުގެ ދަޢުވާ ކޮށްދެއްވުމަށް އެދި ފޮނުވުމަށް ނިންމާފައިވާ މައްސަލައަކަށް ވާތީ، ގެއްލުންވާ ފައިސާގެ އަދަދު ހިސާބުކުރުމަށާއި މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށް ނިންމާފައިވެއެވެ.