ކޮރަޕްޝަނާ ދެކޮޅަށް ރަސްމީ ސިފައެއްގައި ފުރަތަމަ ފަހަރަށް މަސައްކަތް ކުރުމަށް 21 އޭޕްރީލް 1991 ގައި އެންޓިކޮރަޕްޝަން ބޯޑުގެ ނަމުގައި، 06 މުވައްޒަފުންނާއެކު އިދާރާއެއް އުފެދިގެން ދިޔައެވެ. އެއާއެކު، ސަރުކާރުގެ ފައިސާއަށާއި ތަކެއްޗަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި އަދި މިނޫނަސް ޤާނޫނާއި ގަވާއިދު ހުއްދަ ނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކި މީހަކަށް ނުވަތަ ބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭ ޝަކުވާތައް ބެލުމުގެ މެންޑޭޓް އެ ބޯޑާ މަތިކުރެވިގެން ދިޔައެވެ.

އެންޓި-ކޮރަޕްޝަން ބޯޑަށް ޤާނޫނީ ހައިސިއްޔަތު ލިބިގެން ދިޔައީ 23 މާރިޗް 1991 ވީ ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 1991 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ޤާނޫނު ނަންބަރު 68/3ޖ. (އޮފިޝަލް ކަންތައްތައް) ޗެޕްޓަރ III އަށް 94 ވަނަ އިޞްލާޙު ގެނައުމަށްޓަކައި ޤާނޫނު ނަންބަރު 91/1 ފާސްކުރެވިގެން ދިޔުމާއެކުގައެވެ.

އެންޓި-ކޮރަޕްޝަން ބޯޑު އެންމެ ފުރަތަމަ ހިންގަންފެށީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ޢިމާރާތެއްގައެވެ. ނަމަވެސް، އެ ޢިމާރާތް ދައުލަތުގެ އެހެން ކަމަކަށް ބޭނުންވުމުން، 17 ފެބްރުވަރީ 1992 ގައި ދ. އަތޮޅު ފިހާރައާއި ތ. އަތޮޅު ފިހާރައިގެ މަތީބަޔަށް އެންޓި-ކޮރަޕްޝަން ބޯޑު ބަދަލުކުރެވުނެވެ. އަދި އޭގެ ފަހުން އެންޓި-ކޮރަޕްޝަން ބޯޑު ހުރަވީ ބިލްޑިންގއަށް ބަދަލު ކުރެވުނެވެ.

21 އޭޕްރީލް 1991 ގައި އެންމެ ފުރަތަމަ ބޯޑުގެ ކޮމިޝަނަރަކަށް އައްޔަން ކުރެއްވި އަލްއުސްތާޛު ނ.ތ ޙަސަންދީދީއެވެ. 16 ނޮވެމްބަރ 1993 ގައި އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން ކޮމިޝަނަރަކަށް ޢައްޔަން ކުރެއްވުމާ ހަމައަށް ކޮމިޝަނަރުގެ މަޤާމުގައި އަލްއުސްތާޛު ނ.ތ ޙަސަންދީދީ ދެމިހުންނެވިއެވެ. އަދި އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން ކޮމިޝަނަރ ކަމުގެ މަޤާމުގައި ހުންނެވީ 16 އޮކްޓޯބަރ 2008 ގެ ނިޔަލަށެވެ.

އަތޮޅު ތެރޭގައި ހުރި މައްސަލަތައް ތަޙްޤީޤުކުރުމަށްޓަކައި ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ބޯޑުގެ ވަފްދެއް ޒިޔާރަތްކޮށްފައިވަނީ، 1992 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 2- 16 އަށެވެ. އެދަތުރުގައި ގޮސްފައިވަނީ ޏ. ފުވައްމުލަކާއި، ގއ. ވިލިނގިއްޔާއި އެއަތޮޅު ގެމަނަފުއްޓާއި،ދާންދޫ އާއި އަދި އައްޑު އަތޮޅު ފޭދޫ އަށެވެ.

ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ރައްޔިތުންގެ މަޖިލިސް އިން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި 31 އޮގަސްޓް 2000 ގައި ގެޒެޓު ކުރެވި ޢަމަލުކުރަން ފެށުމާއެކު ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޤާނޫނީ އާ ޞަފްޙާއެއް ހުޅުވިގެން ދިޔައެވެ.

އދ. ގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މުޢާހަދާ (އުންކެކް) ގައި 22 މާރިޗު 2007 ގައި ރާއްޖޭން ބައިވެރިވެ ސޮއިކުރުން ވެގެންދިއައީ ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ރާއްޖެ ބައިވެރިވެ ކުރިޔަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައެވެ.

2008 ގައި ދިވެހިން ލިބިގަތް ފެހި ޤާނޫނުއަސާސީގެ ހަތްވަނަ ބާބުގެ 199 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި

އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އޮންނަންވާނެކަމަށް ކަނޑައެޅުމާ ގުޅިގެން، 24 ސެޕްޓެމްބަރ 2008 ގައި ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ތަސްދީޤު ކުރެވި، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިޤާލީ އެންޓި-ކޮރަޕްޝަން ކޮމިޝަން 16 އޮކްޓޯބަރ 2008 ގައި އުފެދިގެން ދިޔައެވެ.

އެންޓި-ކޮރަޕްޝަން ބޯޑު އުވި، އެންޓި-ކޮރަޕްޝަން ކޮމިޝަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ވުޖޫދަށް އައުމާއެކު އެންޓި-ކޮރަޕްޝަން ބޯޑުން ބަލަމުންއައި ކޮރަޕްޝަނާގުޅޭ އެންމެހާ މައްސަލަތައް، ކޮމިޝަނަށް ބަދަލުކުރެވި އެމައްސަލަތައް ވަނީ ބަލަންފެށިފައެވެ. މިއައި ބަދަލާއެކު ބޯޑުގައި ކުރިން މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންވެސް ވަނީ ކޮމިޝަނަށް ބަދަލުކުރެވިފައެވެ. މިއައި ބަދަލާއެކު އޭސީސީގެ މަސައްކަތުގެ ފެންވަރަށާއި މައްސަލަތައް ބަލާ ނިންމޭ މިންވަރަށް ހެޔޮބަދަލެއް އަންނަމުން ދާކަން ފާހަގަކުރެވެއެވެ.

ކޮމިޝަންގެ އިންތިޤާލީ މަރުޙަލާގެ ރައީސްކަމަށް އަލްފާޟިލް ޢަލީ ރަޝީދު ޢުމަރު، އަދި އޭގެ ފަހުން 09 ސެޕްޓެމްބަރ 2009 ގައި ދާއިމީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމަށް އަލްފާޟިލް މުޙައްމަދު ޝަފީޢު އިންތިޚާބު ކުރިއެވެ. އެއަށް ފަހު، ކޮމިޝަނުގެ ފުރަތަމަ ދައުރުގެ 5 ވަނަ މެމްބަރެއްގެ ގޮތުގައި އަލްފާޟިލް ޙަސަން ލުޠުފީ ކޮމިޝަނަށް ޢައްޔަން ކުރެވުމާއެކު ކޮމިޝަންގެ މެމްބަރުންގެ ވޯޓަކުން 13 އޮކްޓޫބަރު 2010 ގައި ޙަސަން ލުޠުފީ ކޮމިޝަންގެ ރައީސްކަމަށް އިންތިޚާބު ކުރިއެވެ.

އަތޮޅުތަކުން ހުށަހެޅޭ މައްސަލަތައް ބެލުމަށް ކޮންމެ އަހަރަކު ޓީމުތައް ފޮނުވަމުން ދިޔައެވެ. އަދި އަތޮޅުތަކުން ހުށަހެޅޭ މައްސަލަތައް ހަލުއިކުރުމަށް ކުރަން ފެށުނު މަސައްކަތުގެ ދަށުން، އައްޑޫސިޓީ ހިތަދޫގައި އޭސީސީގެ ގޮތްޕެއް 01 ޑިސެމްބަރ 2015ގައި ޤާއިމް ކުރެވުނެވެ. މި ގޮފީގެ ސަބަބުން އެންމެ ދެކުނުގެ 4 އަތޮޅަށް ނިސްބަތްވާ މައްސަލަތައް ހަލުއިކަމާއެކު ކުރިއަށް ގެންދިމުގެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ.