ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅާންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާއިން މި ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވާކަމެކެވެ. މި ޒިންމާ އަދާކުރުމުގެ ގޮތުން، ޚާއްޞަ ދާއިރާތަކުގައި ކަންހިނގާ ގޮތް ދެނެގަނެ، ކޮރަޕްޝަންގެ ހިރާސް އޮތް މިންވަރުގެ މައްޗަށް ރިޢާޔަތްކޮތް ކޮރަޕްޝަންގެ ހިރާސް ވަޒަންކޮށް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާދެވެއެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތަކާއި އެކަން ހިނގުމަށް މެދުވެރިވާ ސަބަބުތައް ދިރާސާކޮށް އެފަދަ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކޮމިޝަނުން ދެކޭގޮތް ހާމަކުރުމަށްޓަކައި ހުދުކަރުދާސްތައް ޝާއިޢުކުރެވެއެވެ. މީގެ އިތުރުން، ދެފުށްފެނުމާއި ޖަވާބުދާރީވުން އިތުރުކޮށް ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި ބޭނުންކުރެވިދާނެ ޓޫލްތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް އެކަށައެޅުމަކީ ކޮމިޝަނުގެ ރިސަރޗް ޔުނިޓުން ކުރާ މައިގަނޑު މަސައްކަތްތަކެވެ.