...

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ވަފުދުން އަޒަރުބައިޖާނުގެ ޕްރޮސެކިއުޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

އަޒަރުބައިޖާނުގެ ވެރިރަށް ބަކޫގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް އެޖެންސީތަކުގެ ވަޒީރުންގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ރާއްޖޭގެ ވަފުދުން އަޒަރުބައިޖާނުގެ ޕްރޮސެކިއުޓަރ ޖެނެރަލް ކަމްރާން އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.

މިދިޔަ އޮކްޓޫބަރު 27 އިން 28 އަށް ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ވަފުދުގެ ތެރޭގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލްފާޞިލް އަލީ އިޙްސާން އާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްގެ އިތުރުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙް ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަމްރާން އަލިޔޭވް ވަނީ އަޒަރުބައިޖާނުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމުގައި ދެފުށްފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ދިވެހި ވަފުދާ ހިއްސާކުރައްވާފައެވެ. އަދި އެ ގައުމުގައި ކޮރަޕްޝަންގެ ނުރައްކާތައް ކުޑަކުރުމަށް ގާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ދެ ގައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ޚާއްސަކޮށް ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމާއި، ދެނެގަތުމާއި، ތަހުގީގުކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އެންޓި-ކޮރަޕްޝަން އިދާރާތަކާއި ތަންފީޒީ އިދާރާތަކުގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ދެފަރާތުންވެސް ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ އަޒަރުބައިޖާނާއެކު އޮތް ގުޅުން ބަދަހިކޮށް، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައިވެސް އެކުގައި މަސައްކަތްކުރުމުގެ މަގު ފަހިވެގެންދިޔަ މުހިންމު ފުރުސަތެއް ކަމަށް ދެފަރާތުން ފާހަގަކުރެއްވިއެވެ.