އެމްޕީއެލްގެ ކުރީގެ ސީ.އީ.އޯ އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި
20 ސެޕްޓެމްބަރު 2026
2016 އަދި 2017 ވަނަ އަހަރު، އެމް.ޕީ.އެލްއިން 18 އެއަރކޮންޑިޝަން ޔުނިޓް (އޭސީ)، އޭރު އެ ކުންފުނިން ޢަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ޤަވާއިދު (2011) އާ ޚިލާފަށް އާންމުކޮށް އިޢުލާންކުރުމެއްނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ އަދި މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ގަނެފައިވާ މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި 16 ސެޕްޓެންބަރު 2026 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފިއެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ، އެމް.ޕީ.އެލްގެ އޭރުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި ހުރި މުޙައްމަދު ޖުނައިދު )މ.ރީފްވިލާ / ކ.މާލެ) އަދި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުގައި އޭރު ހުރި ޢަބްދުލްވައްހާބު (މ.ހިލްއިންދަގާރޑެން/ ކ.މާލެ)ގެ މައްޗަށެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2/2000 )ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު( ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.