ގްލޯބީ ނެޓްވޯކުގެ 7 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އޭސީސީން ބައިވެރިވެއްޖެ
31 އޯގަސްޓު 2026
ގްލޯބަލް އޮޕަރޭޝަނަލް ނެޓްވޯކް އޮފް އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް އޮތޯރިޓީސް (ގްލޯބީ ނެޓްވޯކް) ގެ 7 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ. މިބައްދަލުވުން ބާއްވާފައިވަނީ 2026 އޯގަސްޓް 25 ން 28 އަށް ވިއެނާގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންޓި-ކޮރަޕްޝަން އިދާރާތަކާއި ކަމާގުޅޭ ފަރާތްތައް އެއްތަނަކުން ބައްދަލުވުމުގެ ފުރުޞަތު ފަހިކޮށްދިން މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ޚިއްސާކުރުމެވެ. މީގެ އިތުރުން، ބައިވެރިވި ޤައުމުތަކުގެ މެދުގައި ފަންނީ ގުޅުންތައް ވަރުގަދަކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކޮރަޕްޝަންގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތައް ދެނެގަތުމަށްވެސް މި ބައްދަލުވުމުން ފުރުޞަތު ލިބިގެންދިޔައެވެ.
މި ބައްދަލުވުމުގެ ތެރޭގައި، ގްލޯބީ ނެޓްވޯކުގެ މެންބަރުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އޭސީސީން ވަނީ ސޮއިކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ގުޅުން ވަރުގަދަ ކުރުމަށް އެހެން ޤައުމުތަކުގެ ކޮރަޕްޝަނާއި ގުޅުންހުރި އިދާރާތަކާއެކު މަޢުލޫމާތު ބަދަލުކުރުމަށް ކޮމިޝަނުން ޤާއިމުކޮށްފައިވާ ނިޒާމު އިތުރަށް ހަރުދަނާވެގެންދިޔަ ކަމެކެވެ.
މީގެއިތުރުން، ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ)، ކުވައިތު އެންޓި-ކޮރަޕްޝަން އޮތޯރިޓީ އަދި ތައިލެންޑުގެ ނެޝަނަލް އެންޓި-ކޮރަޕްޝަން ކޮމިޝަން ހިމެނޭހެން ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން އިދާރާތަކާއެކު އޭސީސީން ދޭދޭ ބައްދަލުވުންތައް ބޭއްވިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތަޖުރިބާ ޙިއްޞާކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭނެ ކަންތައްތަކާއި، ބައިނަލްއަޤްވާމީ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނެވެ.
މި ޕްލިނަރީގެ ބައެއްގެ ގޮތުން، ލީޑް އެންޓި-ކޮރަޕްޝަން އިންޓެލިޖެންސް އެނަލިސްޓް އަލްފާޟިލާ ފިރުޝާނާ އިބްރާހީމް ވަނީ “ފްރޮމް ބްރައިބްސް ޓު ކޮންވިކްޝަން” ގެ ނަމުގައި ކޭސް ސްޓަޑީއެއް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަކީ ކޮރަޕްޝަން ދެނެގަތުމާއި އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ޢަމަލީ ތަޖުރިބާ ޙިއްޞާކުރުމަށާއި، ގްލޯބީ ނެޓްވޯކުގެ މެންބަރުންގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.
7 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އޭސީސީން ބައިވެރިވުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ވަރުގަދަކުރުމަށާއި، ޤައުމުތަކުގައި މެދުގައި ފަންނީ އެހީތެރިކަން ހޯދުމާއި، މަޢުލޫމާތު ބަދަލުކުރުމާއި އަދި ބޯޑަރު ހުރަސްކޮށް ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ބޭނުންވާ ހަރުދަނާ ނިޒާމުތައް އެކުލަވާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.