...

ގދ. ތިނަދޫގައި ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި

ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު"ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ/ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި ވީނަމަވެސް، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރު  ތާއީދުކޮށް ނިންމާފައިވަނީ އިޢުލާންކުރުމަކާ ނުލައި ގަވައިދާ ހިލާފަށް އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށެވެ. އަދި، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއިއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވައި، ގަވާއިދާ ޚިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުގެ އިތުރަށް 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ވަނީ ގަވައިދާ ހިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައެވެ. މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2026 ގައެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމާފައިވަނީ، ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަޤާމުގައި ހުރި ސަޢުދު ޢަލީއާއި، ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށް، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތު) 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.