...

އޭސީސީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން "އިސްދާނަ – ލީޑަރޝިޕް ޓްރެއިނިންގ ސީރީސް" ފަށައިފި

މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސްމަގާމުތަކާއި މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "އިސްދާނަ – ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމް" ފަށައިފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 8 ސެޕްޓެމްބަރު 2026 ދުވަހުއެވެ. ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ޖުމްލަ 22 ގަޑިއިރުގެ 11 ސެޝަންގެ މައްޗަށް އެކުލެވޭ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައިވަނީ ބައިވެރިންގެ ލީޑަރޝިޕް އަދި މެނޭޖީރިއަލް ގާބިލުކަން އިތުރުކުރުމަށެވެ. މިގޮތުން މުވައްޒަފުން މެނޭޖުކުރުމާއި، މަސައްކަތްތަކުގެ ނިޒާމުތައް (ޕްރޮސެސް) ހިންގުން އަދި މަސައްކަތުގެ ނަތީޖާ (ޕާފޯމަންސް) ހާސިލުކުރުމުގެ މައްޗަށް ބިނާކޮށް، ހިންގުމުގެ ދާއިރާގެ މުހިންމު ތިން ބަޔަކަށް އިސްކަންދެވިގެންދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަންގެ މެންބަރު އަލްފާޟިލް އަޙްމަދު ނާޝިދު ދެއްކެވި ވާހަކަފުޅުގައި، ލީޑަރޝިޕްގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު އުނގެނުމުގެ މުހިންމުކަމާއި، އުނގެނޭ ކަންކަން މަސައްކަތުގެ މައިދާނުގައި ޢަމަލީގޮތުން ތަންފީޛުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަދި މި ރަސްމިއްޔާތުގައި އެމްނާކާ ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޠައްޔިބު ދެއްކެވި ވާހަކަފުޅުގައި، ސެލްފް ރިފްލެކްޝަންގެ މުހިންމުކަމާއި، މަސައްކަތުގެ ޒިންމާ އަމިއްލައަށް އުފުލުމުގެ އިތުރުން ޖަވާބުދާރީވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ސިލްސިލާގެ ސަބަބުން ކޮމިޝަނުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި މެނޭޖްމަންޓްގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރަމެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންދަވާނީ މެނޭޖްމަންޓް ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހާސިލުކޮށްފައިވާ ފެސިލިޓޭޓަރުންނެވެ.