...

މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑެމީއިން ހިންގި ކުރު ކޯހުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑެމީ (އެމްނާކާ) އިން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި "އައި އޭމް ދަ ޗޭންޖް: އެސެންޝިއަލްސް ފޮރ އެންޓި-ކޮރަޕްޝަން އެންޑް ރީބިލްޑިންގ އިންޓެގްރިޓީ އިން ދަ މޯލްޑިވްސް" ނަމުގައި ހިންގި ކުރު ކޯހުގެ ބައިވެރިންނަށް ސެޓިފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ.

އޮގަސްޓް މަހުގެ 13 އިން ސެޕްޓެމްބަރު 23 އަށް ކުރިޔަށް ގެންދެވުނު މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. އެމްނާކާގެ ޓްރޭނިންގ ހޯލްގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް، ކޮމިޝަންގެ މެންބަރުންނާއި ސީނިއަރ މެނޭޖްމަންޓް ގެ އިތުރުން އެމްނާކާގެ މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން، ވިދާޅުވިގޮތުގައި ކޮރަޕްޝަން ނައްތާލުމަށް އެންމެ މުހިންމު ކަމަކީ ގުޅިގެން މަސައްކަތްކުރުމާއި އަމިއްލަ ޒިންމާ ނަޒާހާތްތެރިކަމާއިއެކު އަދާކުރުމެވެ.

މިއީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން، އެމްނާކާއިން އިސްނަގައިގެން ފަށާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. ތަފާތު 7 މައުޟޫއަކަށް ކުރިޔަށް ގެންދެވުނު ސެޝަންތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަތުމާއި، ކޮރަޕްޝަން ވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެންޓި-ކޮރަޕްޝަން ކޮމްޕްލަޔަންސް މެކޭނިޒަމްއާގުޅޭ މަޢުލޫމާތު ޙިއްސާ ކުރެވުނެވެ. އަދި މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ސުލޫކީ އަދި އިސްލާމީ އަގުކުރުންތަކުގެ މުހިންމުކަމުގެ މައްޗަށް ސެޝަންތައް ކުރިޔަށް ގެންދެވުނެވެ.

ދައުލަތުގެ 13 އިދާރާއަކުން މުވައްޒަފުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމް 20 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ސެޓިފިކެޓް ޙާޞިލު ކޮށްފައިވެއެވެ.