...

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ފައުންޑޭޝަން ސްޓޭޖުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަމުގެ ސިފަތައް ކުރިއެރުވުމަށް އިންޓަރ ސްކޫލު ވާހަކަފޮތް އުފެއްދުމުގެ މުބާރާތެއް ހުޅުވާލައިފި

ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ދިވެހިރާއްޖޭގެ ސްކޫލު މަދަރުސާތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަމުގެ ސިފަތައް އުގަންނައިދޭނެ ވާހަކަ ފޮތް އުފެއްދުމުގެ މުބާރާތެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުވާލައިފިއެވެ. މި މުބާރާތުގެ މަޤްޞަދަކީ ނަޒާހަތްތެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކޮށް ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބާރު އަޅާ ވާހަކަ ފޮތްތަކެއް އެކުދިންނަށް ކިޔޭނެމަގުފަހިކޮށްދިނުމެވެ.ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދެއްވާ މުދައްރިސުންނަކީ ދަރިވަރުންގެ ހިތްތަކުގައި ރަސްމީ ތަޢުލީމުގެ ނިޒާމުގެ ބިންގާ އަޅުއްވައިދެއްވުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރައްވާ މުދައްރިސުން ކަމަށްވެފައި، ވާހަކަ ކިޔައިދެއްވުމާއި ކުރެހުމުގެ ހުނަރުވެރިކަމަކީ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދެއްވާ މުދައްރިސުންގެ ޚާއްޞަ ހުނަރުތަކެއް ކަމަށްވުމީ މި ފަދަ މުބާރާތެއް އެ ބޭފުޅުންނަށް އަމާޒުކުރުމުގެ އެއް މަޤްޞަދެވެ. މީގެ އިތުރުން ފައުންޑޭޝަން ސްޓޭޖުގެ ކުދިންގެ އުމުރާގުޅޭ، ދިވެހި މުޖުތަމަޢުއަށް ފެތޭ އަދި ނަޒާހަތްތެރި ސިފަތަކަށް ބާރުއަޅާދޭ ގޮތަށް އުފައްދާފައި ހުރި ފޮތްތައް ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ލިބެން ހުންނަލެއް މަދުކަމާއިއެކު މިކަމަށް މި މިބާރާތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނޭކަމަށް މި ކޮމިޝަނުން ޤަބޫލުކުރަމެވެ.2019 ވަނަ އަހަރުގެ ސްކޫލުތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފައުންޑޭޝަން ސްޓޭޖްގައި ކިޔަވައިދެއްވާ ވަކިވަކި މުދައްރިސުންގެ ނަމުގައި ނުވަތަ ފައުންޑޭޝަން ސްޓޭޖުގެ މުދައްރިސުންގެ ގްރޫޕެއްގެ ފަރާތުން ނުވަތަ އެ މުދައްރިސުން ނިސްބައްވާ ސްކޫލުގެ ނަމުގައި ބައިވެރި ވެވިދާނެއެވެ.ނަޒާހަތްތެރިކަމުގެ ސިފަތަކަށް ހިތްވަރުދޭ މެސެޖުތަކެއް ހިމެނޭގޮތަށް އުފައްދާ ވާހަކަ ފޮތްތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންވެސް އުފައްދާ ހުށެހެޅިދާނެއެވެ. މި ވާހަކަތަކުގެ ކުރެހުންތައް އަމިއްލައަށް ކުރަހާފައި ނުވަތަ ކޮމްޕިއުޓަރުގެ ޒަރީއާއިން ކުރަހާފައިވެސް ބައިވެރިކުރެވިދާނެއެވެ. މި މުބާރާތުގައި ބައިވެރިކުރާ ވާހަކަ ފޮތްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ވާހަކަފޮތް މުދައްރިސުންނަށް ބޭނުންކުރެވޭނޭ ބިގު ބުކް ސައިޒަށް އަދި އޭ 5 ސައިޒަށް ޗާޕޮކޮށް، އާންމުކޮށް ލިބެން ހުންނާނޭގޮތަށް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ވަނަވަނައަށްދާ ފަރާތްތަކަށް އޭސީސީގެ ފަރާތުން ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު އަދި ސެޓިފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ.މުބާރާތުގެ ގަވާއިދާއި އިތުރު ތަފްޞީލު މިހާރުވަނީ އޭސީސީގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާއެކު ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ރާއްޖޭގެ ހުރިހާ ސްކޫލު މަދަރުސާތަކަށް ފޮނުވާފައެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވާނެ އެންމެ ފަހުގެ ތާރީޚަކީ 2019 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި މުބާރާތަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.