...

އިސްލާމީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަޤާމާ ގުޅޭ ކޮރަޕްޝަން ހިމެނޭ މައްސަލަ ޕީޖީ އޮފީހަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ޢައްޔަނުކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޙައްޤުނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި 15 އެޕްރީލް 2025 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ މަޤާމުގައި އޭރުހުރި ޑޮކްޓަރ އިބްރާހީމް ސަމީރު )ނަރުގިސްވިލާ / ތ.ތިމަރަފުށި) އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަޤާމުގައި އޭރުހުރި ޢަލީ ރަޝީދު )ގުލްބަކާގެ / ބ.އޭދަފުށި) ގެ މައްޗަށެވެ.  

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ހޯދުމަށް 05 ނޮވެންބަރު 2017 ގައި ކޮށްފައިވާ އިޢުލާނަކާ ގުޅިގެން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޤާމަށް ހޮވާފައިވާ ފަރާތަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫނެވެ. އަދި އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެ މަޤާމަށް ޝަރުޠު ހަމަވާ ތަޢުލީމީ ސެޓްފިކެޓެއް އަދި ޝަރުޠު ހަމަވާ ތަޖުރިބާގެ ލިޔުމެއްވެސް، އެފަރާތުން ހުށަހަޅާފައި ނުވެއެވެ. އެ އިޢުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓްގައި ޕޮއިންޓް ދީފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލާ ޚިލާފަށެވެ. އަދި އިންޓަރވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓްދީ، އެފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަޙުޤީޤަށް ހޯދިފައިވެއެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު  9/2014(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.