...

"ސަޢޫދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ގެ ނަމުގައި ބައިނަލްއަޤުވާމީ ފޯރަމެއް ބާއްވަނީ

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން 2025 ވަނަ އަހަރުގެ މޭ މަހުގެ 6 އަދި 7 ގައި "ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ގެ ނަމުގައި ބައިނަލްއަޤުވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ފޯރަމު އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ "ޤަރާރު ނަންބަރު: 2/50-LO" އަދި "ޤަރާރު ނަންބަރު: 2/2-A Q F " ގައިވާ ނިންމުމާ އެއްގޮތަށް އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާޢަތަކަށް ހެދުމުގެ މަޤްޞަދުގައެވެ. މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތުތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެއެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ފޯރަމުގައި އޯ.އައި.ސީގެ 40 އަށްވުރެ ގިނަ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ފަތުރުވެރިކަމާބެހޭ އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީއެއް ބޭއްވުމަށް ރޭވިފައިވާއިރު، މި ޕްލިނަރީގައި އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ވާހަކަފުޅު ދައްކަވާނެއެވެ. މީގެއިތުރުން، ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާނެއެވެ.

ފޯރަމާ ގުޅޭ އިތުރު މަޢުލޫމާތު https://ifi.org.mv/  އިން ލިބިވަޑައިގަންނަވާނެއެވެ.