...

އެމްޓީސީސީގެ ހައުސިންގ ޕްރޮޖެކްޓާ ގުޅޭ މައްސަލަ ޕީޖީ އޮފީހަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ، 2 ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި 15 އެޕްރީލް 2025 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި އޭރު ހުރި ޙަސަން ޝާހް (ބަގީޗާގެ / ސ.މަރަދޫފޭދޫ) އާއި، އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރގެ މަޤާމުގައި އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަޤާމުގައި އޭރު ހުރި ޝިފާޢު ޢަލީ (ހ.ފެއަރީޕެލަސް / ކ.މާލެ) އާއި، އެމް.ޓީ.ސީ.ސީގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ މަޤާމުގައި އޭރު ތިބި ޙުސައިން ޒުހުރީ (ޕާކީޒާ / ށ.ކޮމަންޑޫ) އާއި މުޙައްމަދު ނާޡިމް (މ.ޕޮމްޕިޔާ / ކ.މާލެ) އަދި އިސްމާޢީލް އަދުހަމް (ގ.ނިލަ / ކ.މާލެ) ގެ މައްޗަށެވެ.  

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމް.ޓީ.ސީ.ސީއިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ޙަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާޠިލުކުރަންޖެހޭފަދަ ޚިލާފުތައްވެފައިވީނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމެންޓާއި" "ޕްރޮގްރެސިވް ޕޭމެންޓު"ތައް ދޫކޮށްފައިވެއެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ޙަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައިނުވެއެވެ. މި ޢަމަލުތަކުގެ ސަބަބުން އެމް.ޓީ.ސީ.ސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވަނީ ވެފައިވެއެވެ. 

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ. އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތު) ގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް ހިމެނެއެވެ.

މި މައްސަލާގެ ތަޙުޤީޤުގައި އެމް.ޓީ.ސީ.ސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,241,855.78 (ތިރީސް ނުވަ މިލިއަން ދުއިސައްތަ ސާޅީސް އެއް ހާސް އަށްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަތްދިހަ އަށް ލާރި) ގެ ގެއްލުމުގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް ކޮމިޝަނުންވަނީ އެމް.ޓީ.ސީ.ސީއަށް އަންގާފައެވެ.