...

އޭސީސީގެ މެންބަރުކަމަށް އަލަށް ޢައްޔަންކުރެވޭ ފަރާތްތަކަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އެ ބޭފުޅުންނާ އޭސީސީން މަޝްވަރާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 3ވަނަ ދައުރަށް ޢައްޔަންކުރުމަށް ހޮވިފައިވާ ފަސްމެންބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންދިއުމާ ބެހޭގޮތުން އެބޭފުޅުންނާ އޭސީސީން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.މި އޮރިއެންޓޭޝަން ޕްރޮގްރާމްގެ މަޤުޞަދަކީ، ކޮމިޝަނަށް އަލަށް ޢައްޔަންކުރެވޭ މެމްބަރުންނަށް، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންވާނެ އެހީތެރިކަން ފޯރުވައިދީ، ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ގޮތް އިންތިޒާމްކުރުމެވެ. އަލަށް ކޮމިޝަންގެ މެންބަރުކަމަށް ހޮވިފައިވާ ފަރާތްތަކަށް އޭސީސީގެ މަސައްކަތްތައް ތަޢާރަފްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާބެހޭގޮތުން ތަފްސީލީ އުސޫލެއް އޭސީސީންވަނީ އެކުލަވާލާފައެވެ. އަދި އަލަށް ޢައްޔަން ކުރެވޭ މެންބަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމު ކުރިއަށްދާނީ މި އުސޫލާ އެއްގޮތަށެވެ. މި ޕްރޮގްރާމްގެ ތެރެއިން، ކޮމިޝަނުގެ އިދާރީ ހިންގުން ބައްޓަންކުރެވިފައިވާގޮތާއި، ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، މިއަހަރަށް ރާވާފައިވާ ޙަރަކާތްތަކާއި، އެ ޙަރަކާތްތަކުގެ މިހާރުގެ ސްޓޭޓަސް އާއި ކޮމިޝަނުގައި ހިނގަމުންދާ އަދި ނުނިމިހުރި މައްސަލަތަކާބެހޭ މަޢުލޫމާތު ދެވޭނެއެވެ. މީގެއިތުރުންވެސް، ކޮމިޝަނުގެ ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކުރެވެމުންދާ ގޮތާއި، އެކަންކަމުގައި ހުރި ގޮންޖެހުންތަކާއި، ގުޅޭގޮތުން އަލަށް ޢައްޔަންކުރެވޭ މެމްބަރުންނަށް މަޢުލޫމާތު ދެވޭނެއެވެ.