...

އޭސީސީއިން މި އަހަރުގެ ދެވަނަ ކުއާޓަރގައި 198 މައްސަލަ ނިންމައިފި

މިއަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވަނީ 198 މައްސަލަ ބަލާ ނިންމާފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 355 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މީގެ ތެރެއިން 198 މައްސަލައަކީ 2 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލައެވެ. މިއީ 2018 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59 އިންސައްތަ ދަށް އަދަދެކެވެ. 2018ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 486 މައްސަލައެވެ. ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 01 މައްސަލަ މި އަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 02 މައްސަލައެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 198 މައްސަލައިގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 197 މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 484 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ. މީގެއިތުރުން، މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، އިޞްލާހުކުރުމަށް 61 އެންގުމެއް އަންގާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އަންގާފައިވަނީ 86 އެންގުމެކެވެ.