...

އެންމެ ގިނައިން ރަޖިސްޓްރީ ކުރެވެނީ ޕްރޮކިޔުމަންޓާގުޅޭ މައްސަލަތައް


މިއަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 94 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 44 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ.

ވަޒީފާއާގުޅޭ 51 މައްސަލައެއް މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 15 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި ބިމާއި، މުސާރައާއި އިނާޔަތްތަކާއި، އިންތިޚާބު އަދި ކެމްޕޭންތަކާ ގުޅޭ ޖުމްލަ 60 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 40 މައްސަލައެއް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.