...

އޭސީސީއިން މިއަހަރުގެ 2 ވަނަ ކުއާޓަރގައި 259 މައްސަލަ ރަޖިސްޓަރީ ކޮށްފި


މިއަހަރުގެ ދެވަނަ ކުއާޓަރގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ 259 މައްސަލަ ރަޖިސްޓަރ ކޮށްފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2019ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 546 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މީގެތެރެއިން 259 މައްސަލައަކީ 2 ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލައެވެ. 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 124 މައްސަލައެވެ.

ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 251 މައްސަލައެވެ. 2018 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 110 މައްސަލައެވެ.

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް ކޮމިޝަނުން ދަނީ ފޮނުވަމުންނެވެ. އެގޮތުން، މިއަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި 18 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 8 މައްސަލައެވެ.

މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 44 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި 16 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.