...

އޭސީސީއިން އައްޑޫ ސިޓީގައި ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމެއް ބާއްވައިފި


ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ނަގައިދިނުމަށްޓަކައި ޓްރެއިނަރުން ތަމްރީންކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫގައި 2019 ޖޫން 27 ން 29 އަށް ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ) ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ޕްރޮގްރާމުގައި ހިތަދޫގައި ހުންނަ އެސީސީގެ ދެކުނު ސަރަހައްދީ އޮފީހުގެ މުވައްޒަފުންނާއި، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އޭސީސީން ޢާންމުކޮށް ހުޅުވާލުމާ ގުޅިގެން އަމިއްލަ ގޮތުން ކުރިމަތިލި ފަރާތްތަކާއެކު މުޅި ޖުމްލަ 15 ފަރާތަކުން ބައިވެރިވެފައިވެއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ދަރިވަރުން، ބެލެނިވެރިން، މުދައްރިސުން އަދި ދައުލަތުގެ މުވައްޒަފުންނަށް ނަގައިދޭ ތަމްރީން ޕްރޮގްރާމުތަކަށް ޕްރޮގްރާމުގެ ބައިވެރިން އަހުލުވެރިކުރެވިފައިވެއެވެ. ޕްރޮގްރާމު ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ނައިބުރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދު ވަނީ ހުރިހާ ބައިވެރިންނަށް ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ހަނދާނީލިޔުން ދެއްވާފައެވެ. މި ޕްރޮގްރާމް ހުށަހަޅުއްވައިދެއްވާފައިވަނީ ނައިބުރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދުގެ އިތުރުން އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.