އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަހަރު ހިންގި އިޖުތިމާޢީ އޮޑިޓްގެ ރިޕޯޓް އާންމުކޮށްފި
9 ޑިސެމްބަރު 2025
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ވަނީ 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން، ހއ. ހޯރަފުށި އަދި ށ. ފުނަދޫގައި ހިންގި އިޖުތިމާޢީ އޮޑިޓްގެ ހޯދުންތައް ހިމެނޭ ރިޕޯޓް އާންމުކޮށްފިއެވެ. މިއަހަރުގެ އޮޑިޓް ހިންގާފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އަދި ދަ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު އެކައުންޓެބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސް ޕްރޮޖެކްޓްގެ ދަށުންނެވެ. މިއަހަރުގެ އިޖުތިމާޢީ އޯޑިޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ މަޝްރޫޢެއް ކަމަށްވާ ހޯރަފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުއާއި، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢު ވަނީ އޯޑިޓްކުރެވިފައެވެ.
މި ރިޕޯޓުގައި މި ދެ މަޝްރޫޢު ރާވައި ހިންގުމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްބަސްވުމުގައި ވާ ތާރީޚަށް މަސައްކަތް ނުނިމި ލަސްވުން، މުއައްސަސާތަކުގެ މެދުގައި ހުރި ގުޅުން ބަލިކަށިވުން، އަދި ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތުގެ ދެފުށްފެންނަ ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަން ފާހަގަކުރެވުނެވެ. މަޝްރޫޢުތައް ހިނގަމުންދާ މިންވަރާއި ފެންވަރު ރަނގަޅަށް ބެލެހެއްޓުމަށް މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، ކޮންޓްރެކްޓަރުންގެ މެދުގައި ވިލަރެސްކުރާނެ ނިޒާމެއް އތުމުގެ މުހިންމުކަން މި އޯޑިޓުން ފާހަގަވެފައިވެއެވެ. މީގެ އިތުރުން، މައުލޫމާތު ހާމަކުރުމުގައި އިސްނެގުމަށާއި، މަޝްރޫޢުތައް މޮނިޓަރކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށާއި، އަދި މަޝްރޫޢުތަކާ ގުޅޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ދެނެގަނެވިފައިވެއެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގެ ހާމަކަމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިޖުތިމާޢީ އޮޑިޓްތަކަކީ މުހިންމު ވަސީލަތެކެވެ. ކޮމިޝަނުން ހިންގާ އިޖުތިމާޢީ އޮޑިޓްގެ މަގްސަދަކީ ދައުލަތް ހިންގުމުގައި މުއައްސަސާތަކާއި ރައްޔިތުންގެ ދައުރު ހަރުދަނާކޮށް ޒިންމާދާރުކަން އިތުރުކޮށް، ފައިސާއއި ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް އެކަށައެޅިފައިވާ ނިޒާމުތައް ހަރުދަނާކުރުމެވެ. ކޮމިޝަނުން މިއަހަރު ހިންގި އިޖުތިމާޢީ އޮޑިޓްގެ ރިޕޯޓް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.