އެމް.އެމް.ޕީ.އާރ.ސީ މައްސަލައިގައި މިހާތަނަށް، 123,732,662.00 ރުފިޔާ އަނބުރާ ހޯދަން އެންގި
2 އޮކްޓޯބަރު 2025
މި ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން އަންނަ "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އެމް.އެމް.ޕީ.އާރ.ސީ("ގެ ކޮރަޕްޝަންގެ މައްސަލަތަކުގައި މިވަގުތު 37 ތަޙުޤީޤު ހިންގަމުންދާއިރު، 161 މައްސަލަ އޮތީ ތަޙުޤީޤުކޮށްނިންމައި ގޮތް ނިންމުމުގެ މަރުޙަލާގައިކަން ފާހަގަކުރަމެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިޔަށްދެއެވެ.
އެމް.އެމް.ފީ.އާރު.ސީގެ މައްސަލަތައް ތަޙުޤީޤު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، މިހާތަނަށް 123,732,662.00 (ސަތޭކަ ތޭވީސް މިލިއަން ހަތްސަތޭކަ ތިރީސްދެހާސް ހަސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) އަނބުރާ ހޯދުމަށް ކޮމިޝަނުން ކަމާ ގުޅުންހުރި ފަރާތްތަކަށް ވާނީ އަންގައިފައެވެ.
ކޮމިޝަނުގެ ތަޙުޤީޤުތަކުގައި ޢަމަލުކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތިންކަން ޔަޤީންކޮށްދެމެވެ. މި ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއްނެތި، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ޤާނޫނީ ހަމަތަކުގެ މަތީން، ކޮމިޝަނުގެ ފަންނީ ޤާބިލުކަން ތަންދޭ އެންމެ ބޮޑަށް ކަން ފާހަގަކޮށް، އެކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި، ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ޤާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަޙުޤީޤުތައް އަވަސްކޮށް ފިޔަވަޅު އަޅަމުންގެންދާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.