ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަން މައްސަލަތަކާ ގުޅޭ
2 އޮކްޓޯބަރު 2025
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު: SPE-2025-118(D) އޮޑިޓް ރިޕޯޓް (ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓް)އާ ގުޅޭގޮތުން ދަންނަވަމެވެ.
އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރެއިން މި ކޮމިޝަނުގެ ތަޙުޤީޤުކުރުމުގެ އިޚްތިޞާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަންބަލައި މި ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ކޮމިޝަނުން ވަނީ ފަށާފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގިނަ މައްސަލަތަކަކީ މި ކޮމިޝަނުން މިހާރުވެސް ތަޙުޤީޤު ކުރަމުންދާ މައްސަލަތަކެއްކަން ފާހަގަ ކުރަމެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލަ މި ކޮމިޝަނުން މި އަންނަނީ ތަޙުޤީޤުކުރަމުންނެވެ. މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފަށާފައިވާއިރު، 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދަޢުވާކުރެވި މިހާރުވަނީ ޙުކުމްކޮށްފައެވެ.
މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަޙުޤީޤު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް ކޮމިޝަނުން ވާނީ އަންގައިފައެވެ.
އަދި މީގެ އިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާޙުކުރުމަށް، ކޮމިޝަނުން މިހާތަނަށް ވާނީ އެ ކުންފުންޏަށް އަންގާފައެވެ. އެކަންކަމުގެ ތެރޭގައި؛ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން ބަލައި ތަޙުޤީގުކުރުމަށް 8 ކަމަކާއި އަދި އިތުރު ކަންކަން ހިމެނެއެވެ.