އޭޝިއަން ޔޫތު އެންޓި-ކޮރަޕްޝަން ހެކަތަން 2025 ގައި ދިވެހިރާއްޖެއިން ބައިވެރިވަނީ
9 ސެޕްޓެމްބަރު 2025
ޗައިނާގެ ހޮންގކޮންގގައި މިއަހަރުގެ ސެޕްޓެމްބަރ 15 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ކޯޑިންގ4އިންޓެގްރިޓީ" އޭޝިއަން ޔޫތު އެންޓި-ކޮރަޕްޝަން ހެކަތަން 2025 ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ތިން މެންބަރުންގެ ޓީމެއް ބައިވެރިވާން ނިންމައިފިއެވެ.
ހޮންގކޮންގ ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަންގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިކެކް)އިން ހުރިހާ ޙަރަދެއްދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވާނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެންނެވެ. ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވަނީ އަލްފާޟިލް ޢުބައިދުﷲ ޢަލީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއިން އަލްފާޟިލް އަޙްމަދު އަފްޒަލް އަދި ވިމެން އިން ޓެކް މޯލްޑިވްސްއިން އަލްފާޟިލާ އާމިނަތު ރަޔާންއެވެ.
މި ސަރަޙައްދީ ހެކަތަނަކީ އައިކެކް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެންޓި-ކޮރަޕްޝަން އޮތޯރިޓީސް (އައިއޭއޭސީއޭ) ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އޭޝިއާ ސަރަހައްދުގައި ކޮރަޕްޝަނާ ގުޅުންހުރި ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޙައްލުތައް ފަރުމާކޮށް ތަރައްޤީކުރުމެވެ.
މި މުހިންމު ސަރަޙައްދީ މުބާރާތުގައި ބައިވެރިވުމަކީ ޒުވާން ޖީލު ބާރުވެރިކުރުވުމަށާއި، އައު ގޮތްތައް ހޯދުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ހަރުދަނާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަދި އައު ގޮތްތައް ހޯދުމުގައި އެކި ދާއިރާތަކުގެ ބައިވެރިވުމުގެ މުހިންމުކަން މި މުބާރާތުން ފާހަގަކޮށްދޭއިރު، މިއީ ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.