...

ފެނަކަ ކޯޕަރޭޝަންގެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ނުނިމެނީސް، ފައިސާ ދޫކޮށްފައިވާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހަޅައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި 2017ވަނަ އަހަރުގެ ތެރޭގައި ބިލިންގ ސޮފްޓްވެޔަރއެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ޙަވާލުކުރިނަމަވެސް، އެ ޚިދުމަތް އަދި މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެޔަރ ނިމުނުކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކޮށްކޮށް ދިނުމަށް އެދި މިއަދު (22 ސެޕްޓެންބަރު 2021) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި، ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙްޤީޤުން އެނގޭތީ ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫން (މ.ފެހިވިދުވަރުގެ / ކ.މާލެ) އާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިޞިއްޔަތުން އޭރު މަސައްކަތް ކުރި އަޙްމަދު ނަޖާޙު (ނަންބަރު ރސ 13142 / ކ.މާލެ) ގެ މައްޗަށެވެ. އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އަދި، ގާނޫނު ނަންބަރު 2/2000 ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކުރުމަށެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ބިލިންގ ސޮފްޓްވެއަރ ހޯދުމުގެ ޕްރޮޖެކްޓްގެ ކޮލިޓީ ކޮންޓްރޯލަރ އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާރޓްމަންޓް (އައި.ސީ.ޓީ) އެވެ. ބިލިންގ ސޮފްޓްވެއަރ 03 ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށާއި، އެއިން ކޮންމެ ފޭސް އެއް ނިމުމުން އައި.ސީ.ޓީ ޑިޕާޓްމަންޓުން އެ މަސައްކަތް ޗެކްކޮށް އެޕްރޫވް ކުރަންވާނެ ކަމަށާއި، ކޮންމެ ފޭސް އެއް ނިންމުމަށްފަހު ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާ އިންވޮއިސް އައި.ސީ.ޓީ ޑިޕާޓްމަންޓުން އެޕްރޫވް ކުރަން ވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވީނަމަވެސް، ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ ކޮލިޓީ އާއި އޯތެންޓިސިޓީ އައި.ސީ.ޓީ ޑިޕާޓްމަންޓުން ޗެކްކޮށްފައި ނުވާކަން ތަޙްޤީޤުން އެނގެއެވެ. އެކަމަކީ ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫންގެ ޒިންމާއެއްކަން ތަޙްޤީޤުން އެނގެއެވެ. ހަމައެހެންމެ، އެއްބަސްވުމުގައި ބިލިންގ ސޮފްޓްވެއަރގައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ގިނަ ކަންތައްތަކެއް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކޮށްފައިނުވާކަންވެސް ފާހަގަކުރެވެއެވެ.

އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 08 ނޮވެމްބަރ 2017 ގައި ނިންމުމަށާއި، އެ ސޮފްޓްވެއަރ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއަރ ޑިޒައިން ކޮށް، އިމްޕްލިމެންޓް ކުރުމުންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، 15 އޮކްޓޯބަރ 2018 ގެ ނިޔަލަށް ވެސް އެ ސޮފްޓްވެއަރ ނިންމާފައިނުވާކަމާއި، އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި އެ ސޮފްޓްވެއަރ އިމްޕްލިމެންޓް ކޮށްފައިނުވާކަން ތަޙްޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.

ބިލިންގ ސޮފްޓްވެއަރއަށް ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި، ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކުރަންޖެހޭކަމަށް އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު، ވޭރިއޭޝަންގެ ގޮތުގައި އެ ބަދަލުތައް ގެނައުމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހުއްދަ ދިންކަމަށް ބަޔާންކޮށް، އެ ބަދަލުތައް ގެނައުމަށް ހުއްދަދިން ލިޔުމުގައި ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫން އާއި، އެ ކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިޞިއްޔަތުން އޭރު މަސައްކަތް ކުރި އަޙްމަދު ނަޖާޙު ސޮއިކޮށްފައިވެއެވެ.

ހަމައެހެންމެ، އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނިންމާފައިނުވަނީސް، އެމަސައްކަތް 06 ނޮވެމްބަރ 2017 ގައި ނިންމާފައިވާކަމަށް ބަޔާންކޮށް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ސިޓީގައި އިސްމާޢީލް ޝަމްޢޫން އަދި އަޙްމަދު ނަޖާޙު ވެސް ސޮއިކޮށްފައިވެއެވެ.

އޭގެއިތުރުން، އެ ބިލިންގ ސޮފްޓްވެއަރ ހޯސްޓްކުރުމުގެ ޤާބިލުކަން ފެނަކަ ކޯޕަރޭޝަންގެ އަމިއްލަ ސާވާރގައި ހުރިކަން އެނގެއެވެ. އަދި އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ސާވާރގައި އެ ސޮފްޓްވެއަރ ހޯސްޓްކުރުމާ ގުޅޭ އެއްވެސް ކަމެއް ބަޔާންކޮށްފައިނުވެއެވެ. އެހެންނަމަވެސް، އެ ސޮފްޓްވެއަރ ހޯސްޓްކުރުމަށް ޝުވެކް މޯލްޑިވްސްއަށް ހުއްދަދީ، އެކަމަށް ފައިސާ ދޫކުރުމަށް ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް މެމޯއެއް ފޮނުވާފައިވެއެވެ.

ހަމައެއާއެކު، ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބިލިންގ ސޮފްޓްވެއަރގެ ފޭސް 2 އަދި 3 ގެ މަސައްކަތާއި، ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ މަސައްކަތްތައް ނިމިފައިނުވަނީސް، އެ މަސައްކަތްތައް ނިންމާފައިވާކަމަށް ބަޔާންކޮށް، ފައިސާ ދޫކޮށްދިނުމަށް އައި.ސީ.ޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ޓެންޑަރ ސެކްޝަނަށް ފޮނުވާފައިވާ އިންޓަރނަލް މެމޯ ގައި ސޮއިކޮށްފައިވަނީ ވެސް އިސްމާޢީލް ޝަމްޢޫންކަން ތަޙްޤީޤުން އެނގެއެވެ.

އަދި އެ ބިލިންގ ސޮފްޓްވެއަރ ހޯސްޓްކުރުމަށާއި، ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ސޮފްޓްވެއަރގެ މަސައްކަތް ނިންމާފައި ނުވިނަމަވެސް އެމަސައްކަތަށްވާ ފައިސާ ފުރިހަމައަށް ދޫކޮށްފައިވަނީ، އިސްމާޢީލް ޝަމްޢޫން އަދި އަޙްމަދު ނަޖާޙު ސޮއިކޮށްފައިވާ ހުއްދައަށް ރިޢާޔަތްކޮށްގެންކަން ތަޙްޤީޤުން އެނގޭތީ، މިކަންކަމުގެ ސަބަބުން ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން ތަޙްޤީޤުން އެނގެއެވެ.