...

ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏަކީ، އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާ އާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ޞާލިޙް (ހޯދަޑު. މައިޒާން، ޏ.ފުވައްމުލަކު) ގެ މައްޗަށް ދައުވާކުރުމަށްޓަކައި މިއަދު (16 ސެޕްޓެންބަރު 2021) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަޙްޤީޤުން މި ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަޤާމު އަދާކޮށްފައިވަނީ މަރްޔަމް ދީނާ ޞާލިޙުއެވެ. މި މައްސަލައާ ގުޅިގެން މިކޮމިޝަނުގެ ތަހުޤީޤުގައި ބަލާފައިވާ 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ 06 (ހައެއް) ޕާޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ޖެނެރަލް ސަރވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕަރޓްމަންޓުން ޕްރޮކިއުމަންޓު ޑިޕަރޓްމަންޓަށް ފޮނުވުމުގެ ކުރިންނެވެ. އެކަމަކީ ފެނަކަ ކޯޕަރޭޝަނުން ޢަމަލުކުރަމުން ދިޔަ އުޞޫލާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން މި ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވެއެވެ. އަދި އެ ޕާޗޭސް އޯޑަރުގެ ތެރެއިން 01 ޕާޗޭސް އޯޑަރު ތައްޔާރުކޮށް، އެ ޕާޗޭސް އޯޑަރާ އެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރުކޮށް ނިންމުމަށްފަހުގައިކަން، އެ ޕާޗޭސް އޯޑަރާއެކު އެއްކަރުދާސްކޮށްފައިވާ ތަކެތި ލިބުމަށްފަހު ތައްޔާރުކޮށްފައިވާ ގުޑްސް ރިސީވްޑް ނޯޓުން އެނގެއެވެ.

ހަމައެހެންމެ، ދަތުރު ކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ގިނަ ރަށްތަކަށް ދަތުރު ކޮށްފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެރަށްތަކަށް މުދާ ގެންގޮސްފައިވާކަން އެނގެން ނޯންނަކަމާއި، އަދި އެރަށްތަކަށް ދަތުރު ކޮށްފައިވަނީ ކޮން ބޭނުމެއްގައިކަންވެސް ލިޔެކިޔުންތަކުން އެނގެން ނެތެވެ.

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ޤާއިމުކޮށްފައިވާ ބްރާންޗުތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ދޯނި ކުއްޔަށް ހިފުމަށް ކޯޓޭޝަން ހޯދުމަށް އެކުންފުނީގައި ޢަމަލުކުރަމުން ދިޔަ އުސޫލަށް ބަލާއިރު، މިމައްސަލައާ ގުޅިގެން ހޯދާފައިވާ ޕާޗޭސް އޯޑަރތަކާ ގުޅިގެން ޢަމަލުކޮށްފައިވަނީ އެކުންފުނިން ޢަމަލުކުރަމުންދާ އުސޫލާ ޚިލާފަށްކަން ފާހަގަކުރެވެއެވެ. އެގޮތުން، ތިން ފަރާތަކުން ކޯޓޭޝަން ހޯދާފައިވީނަމަވެސް، ތިން ކޯޓޭޝަން ހޯދާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ޞާލިޙްއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކަކުންކަން ތަޙުޤީޤުގައި ހޯދާފައިވާ ލިޔުންތަކުން އެނގެއެވެ. އަދި އެ ޙިދުމަތް ފޯރުކޮށްދޭ އެހެން ފަރާތަކާ މުޢާމަލާތު ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތެވެ. ހަމައެހެންމެ، އެ ޕާޗޭސް އޯޑަރުތަކާއެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ޕްރޮކިއުމަންޓް ޑިޕަރޓްމަންޓަށް ލިބިފައިވަނީ ކިހިނެތްކަން އެނގޭފަދަ ލިޔެކިޔުމެއް އެ ޑިޕަރޓްމަންޓުގައި ނެތްއިރު، ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ މަރްޔަމް ދީނާ ޞާލިޙްކަމަށް ތަޙުޤީޤަށް އެނގެއެވެ.

ފެނަކަ ކޯޕަރޭޝަނުން ދަތުރު ކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތަކަކީ މަސްލަހަތު ފުށުއަރާ ފަރާތްތަކަކުން ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަޙުޤީޤުގައި ހޯދާފައިވާ މަޢުލޫމާތު ތަކުންނާއި ލިޔެކިޔުންތަކުންނާއި، ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ އިޢުތިރާފުން އެނގެއެވެ. އެހެންކަމާއެކު، މިކަމަކީ ކޮލޫސިވް، އަދި ކޯޓޭޝަންގައި ހުށަހަޅާ އަގަށް ނުފޫޒު ފޯރުވުންފަދަ ޢަމަލެއް ކަމުގައިވާތީ، އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލިފައިވެއެވެ.

މިމައްސަލައާ ގުޅިގެން މިކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަޙުޤީޤުގައި ހޯދާފައިވާ މަރްޔަމް ދީނާ ޞާލިޙުގެ މޯބައިލް ފޯނުގެ މުޢާމަލާތުތަކަށް ބަލާއިރު، 09 ޖުލައި 2018 އިން ފެށިގެން 24 ފެބުރުވަރީ 2019 ގެ ނިޔަލަށް އެ މުއްދަތުގެ ތެރޭގައި ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި، މަރްޔަމް ދީނާ ޞާލިޙާ ދެމެދު ގިނަ ޢަދަދެއްގެ މުއާމަލާތުކޮށްފައިވާތީ، އެފަރާތާއި މަރްޔަމް ދީނާ ޞާލިޙްއާ ދެމެދު ގުޅުން އޮންނަކަން އެނގެއެވެ.

މީގެއިތުރުން، މަރްޔަމް ދީނާ ޞާލިޙް ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި ހުރި ދުވަސްވަރު، ތައްޔާރުކޮށްފައިވާ ޕާޗޭސްއޯޑަރތަކާއި އޭނާ އެ މަޤާމުން ބަދަލުކުރިފަހުން، ދޯނިކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރތަކާ އަޅާކިޔުމުން މަރްޔަމް ދީނާ ޞާލިޙް ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި ހުރި ދުވަސްވަރު ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފައިގެން ދަތުރު ކޮށްފައި އެވަނީ މާބޮޑު އަގެއްގައިކަން ފާހަގަކުރެވެއެވެ. އަދި މި ޢަމަލުގެ ސަބަބުން ކުންފުންޏަށާއި ދަޢުލަތަށް މާލީގޮތުން ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ.

މިމައްސަލާގައި ހޯދާފައިވާ ކިތާބީ ހެކިތަކާއި ޝަފަވީ ހެކިތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަނަށް ދޯނި ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް އެދުވަސްވަރު ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރި މަރްޔަމް ދީނާ ޞާލިޙް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާކަން އެނގޭތީއާއި، ދޯނި ކުއްޔަށް ހިފުމުގައި ކޯޓޭޝަން ހޯދާފައިވަނީ ހަމައެކަނި މަރްޔަމް ދީނާ ސާލިޙްއާ ގާތް ގުޅުން އޮތް ކުންފުނިން ނުވަތަ އެ ކުންފުނީގެ ވެރިޔާގެ މަސްލަހަތު އޮތް ފަރާތްތައް މެދުވެރިކޮށްކަމާއި އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލި ދަޢުލަތަށް ގެއްލުންވެފައިވާކަން ސާބިތުކުރެވޭވަރަށް ތަޙުޤީޤުގައި ހެކި ލިބިފައިވާތީ، މިމައްސަލާގައި މަރްޔަމް ދީނާ ޞާލިޙް (ހޯދަޑު. މައިޒާން، ޏ.ފުވައްމުލަކު) ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އަދި ގާނޫނު ނަންބަރު 2/2000(ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ (ހ) އަދި 13 ވަނަ މާއްދާ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކުރުމަށް ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ނިންމީއެވެ.