...

އޭސީސީއަށް ދިގު މުއްދަތަށް ޚިދުމަތްކޮށް ރިޓަޔަރ ކޮށްފައިވާ އަބްދުލްއަޒީޒު މޫސާއަށް ޝަރަފުގެ ނިޝާން އަރުވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދިގުމުއްދަތަކަށް ޚިދުމަތްކުރުމަށްފަހު ޚިދުމަތުން ރިޓަޔަރ ކޮށްފައިވާ ކުރީގެ ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން އަލްފާޟިލް ޢަބްދުލްޢަޒީޒު މޫސާއަށް ޝަރަފުގެ ނިޝާން އަރުވައިފިއެވެ.

އޭސީސީގެ ޚިދުމަތުން ޢަބްދުލްޢަޒީޒު މޫސާ ރިޓަޔަރ ކުރެއްވިއިރު 25 އަހަރަށްވުރެ ގިނަދުވަހު އޭސީސީއަށް ޚިދުމަތް ކުރައްވާފައިވެއެވެ. 1996 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ބޯޑުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ޢަބްދުލްޢަޒީޒު މޫސާ، އެންޓި-ކޮރަޕްޝަން ބޯޑާ ގުޅިވަޑައިގެންނެވީ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަޤާމުންނެވެ. އޭގެއިތުރުން، ބޯޑުގައި އަދާކުރި މުހިންމު މަޤާމުތަކުގެ ތެރޭގައި، ޑިރެކްޓަރ ޖެނެރަލް އެޑްމިނިސްޓްރޭޝަނުގެ މަޤާމާއި އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމު ހިމެނެއެވެ. އޭސީސީގައި، ޑިރެކްޓަރ ޖެނެރަލް އިންވެސްޓިގޭޝަންގެ މަޤާމު އަދި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ ގެ މަޤާމު ފުރުއްވިއިރު، ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަންގެ މަޤާމުގައެވެ.

ޢަބްދުލްޢަޒީޒު މޫސާއަށް ޝަރަފުގެ ނިޝާން އަރުވާފައިވަނީ، އޭސީސީގެ އައު ވެބްސައިޓު އިފްތިތާޙުކުރުމަށާއި، މުވައްޒަފުންގެ އަގުވަޒަންކުރުމަށްޓަކައި 02 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. އޭސީސީގެ ކުރީގެ ރައީސް މުޙައްމަދު ޝަފީޢު ޝަރަފްވެރި ކޮށްދެއްވި މި ޙަފްލާގައި، ޢަބްދުލްޢަޒީޒު މޫސާއަށް ޝަރަފުގެ ނިޝާނުގެ އިތުރުން، ރިޓަޔަރމަންޓް ކާޑާއި، ހަނދާނީ ފިލާވެސް ޙަވާލުކޮށްފައިވެއެވެ.

މި ޙަފްލާގައި، އޭސީސީއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި، 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ޙަވާލުކޮށްފައިވެއެވެ.