...

އޭސީސީގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް ޢާއްމު ކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް އާންމުކޮށްފިއެވެ.

މި ފޮތަކީ، ކޮމިޝަނުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހާމަކަންބޮޑުގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާނެ، މުހިންމު މަޢުލޫމާތު ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރާ ފޮތެކެވެ.

ތަފާސްހިސާބު ފޮތުގައި، 2020 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު ޢަމަލުކޮށްފައިވާ ގޮތްތަކާއި، ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކޮރަޕްޝަނުގެ ޢަމަލުތައް ވިޔަނުދިނުމަށް ކުރިއަށް ގެންގޮސްފައިވާ ކަންކަމުގެ ތަފާސްހިސާބުތައް ހިމެނެއެވެ.

ތަފާސްހިސާބު ފޮތް އާންމުކޮށްފައިވަނީ، އޭސީސީގެ އައު ވެބްސައިޓު އިފްތިތާޙުކުރުމަށާއި، މުވައްޒަފުންގެ އަގުވަޒަންކުރުމަށްޓަކައި 02 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޙަފްލާގައި، އޭސީސީގެ މެމްބަރު ޢާއިޝަތު ޢަބްދުﷲ އެވެ.