...

އޭސީސީގެ އައު ވެބްސައިޓް ލޯންޗުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ އައު ވެބްސައިޓް ލޯންޗުކޮށްފި އެވެ.

އޭސީސީގެ އައު ވެބްސައިޓު ލޯންކޮށްފައިމިވަނީ، އެކަމަށް ޚާއްޞަކޮށްގެން 02 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މި ޙަފްލާގައި، ވެބްސައިޓު ލޯންޗުކޮށްދެއްވާފައިވަނީ އޭސީސީގެ ރައީސް އަލްފާޟިލާ މަރްޔަމް ޝިއުނާއެވެ.

އޭސީސީގެ އައު ވެބްސައިޓުގައި، އާންމުންނާ ގުޅިފައިވާ ގިނަ ޚިދުމަތްތަކެއް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ލިބޭނެގޮތަށް ހިމަނާފައިވާއިރު، މައްސަލަ ރިޕޯޓުކުރުމަށް ފަރުމާކުރެވިފައިވާ ޕޯޓަލްގެ އިތުރުން، މައްސަލަތަކުގެ ސްޓޭޓަސް ޗެކްކުރުމާ، ރެކޯޑް ސާފުކުރުމާ، މެމްބަރުންގެ އެޕޮއިންޓްމަންޓްތަކަށް ރިކުއެސްޓްކުރުމާ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅޭނެ އާ ފީޗަރސްތަކެއް ވަނީ ހިމަނާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ ދެއްކެވި ވާހަކަފުޅުގައި، އައު ވެބްސައިޓާއި އެކު މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ދުވެލި އަވަސް ވެގެންދާނެ ކަމަށާއި މަސައްކަތަށް އިތުރު ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.