...

އެމް.އައި.ޓީ.ޑީ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި

2018 ވަނަ އަހަރުގެ އައު އަހަރު ފާހަގަކުރުމަށް އޭރުގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރުމަށް “ލިންކްސް އައި” ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާކަމަށް ބުނާ މައްސަލަ، މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި މިއަދު (20 މޭއި 2021) ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެމް.އައި.ޓީ.ޑީ.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝާހިދު (މ.ކަނަމަނަ / ކ.މާލެ) އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޝަކީބާ ޙުސައިން (ލުކިންގްލާސް / ގދ.ތިނަދޫ) ގެ މައްޗަށެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ އައު އަހަރު ފާހަގަކުރުމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޓޑ. (އެމް.އައި.ޓީ.ޑީ.ސީ) އިން އިންތިޒާމުކޮށްގެން 31 ޑިސެންބަރު 2017 ގައި މާލޭ ކާނިވާ ސަރަޙައްދުގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރުމަށް ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އާ ހަވާލުކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް (ކޯލްޑް ފަޔަރ އިކުއިޕްމަންޓް) ގަނެފައިވެއެވެ. އެ މެޝިންތައް ގަތުމަށް $7,234.00 (ހަތްހާސް ދުއިސައްތަ ތިރީސްހަތަރު އެމެރިކާ ޑޮލަރު) ޚަރަދުކޮށްފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ، 111,548.28ރ. (އެއްލައްކަ އެގާރަހާސް ފަސްސަތޭކަ ސާޅީސްއަށް ރުފިޔާ އަށާވީސް ލާރި) އެވެ. ނަމަވެސް، އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަރ، އައު އަހަރުގެ މިއުޒިކް ޝޯ ބާއްވަންވާއިރަށް ވެސް ލިބިފައި ނުވާކަން ތަޙްޤީޤަށް ފާހަގަކުރެއެވެ.

މީގެއިތުރުން، އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެންނެތުމާއެކު، އޭރު މެޝިންތައް ގެނެސް އެމް.އައި.ޓީ.ޑީ.ސީއާ ހަވާލުކޮށްފައި ނުވާކަން ތަޙްޤީޤުން އެނގެއެވެ. ހަމައެހެންމެ، އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެމް.އައި.ޓީ.ޑީ.ސީއިން އެންގުމުން ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އިން އެ މެޝިންތައް އެމް.އައި.ޓީ.ޑީ.ސީއާ ހަވާލުކޮށްފައިވާކަމާއި، އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ޚަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމް.އައި.ޓީ.ޑީ.ސީއިން މަސައްކަތް ކޮށްފައި ނެތްއިރު، ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. އަދި 1 އަހަރާއި 5 މަސްވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. ގެ ބެލުމުގެ ދަށުގައިކަން ތަޙްޤީޤުން އެނގެއެވެ.

އިސްވެ ދެންނެވުނު މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ޚަރަދުކުރުމުގައި ހުންނަންޖެހޭނެކަމަށް އެމް.އައި.ޓީ.ޑީ.ސީގެ ޕްރޮކިއުމަންޓް ޕޮލިސީ (29 ސެޕްޓެންބަރު 2016) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށްކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. އެގޮތުން، މެނޭޖްމަންޓްގެ ނިންމުމެއް، ޕަރޗޭސް ރިކުއެސްޓެއް، ކޯޓޭޝަނެއް، ޕަރޗޭސް އޯޑަރެއް، އިންވޮއިސްއެއް ނެތީސް މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލް ޕޭމަންޓް ހަދާފައިވާކަން އެނގެން އޮތްއިރު، އެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ އެމް.އައި.ޓީ.ޑީ.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަކީބާ ޙުސައިން ކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަޙުޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެއެވެ.

އެހެންކަމުން، އެމް.އައި.ޓީ.ޑީ.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަކީބާ ޙުސައިން އެފަދައިން ޢަމަލުކޮށްފައިވަނީ އެފަރާތްތަކުގެ މަޤާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަން ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުން އެނގެއެވެ. އިސްވެ ދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށް، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.