...

އިންވެސްޓިގޭޓަރުންނަށް "ކަސްޓަމްސް ކްލިއަރެންސް ޕްރޮސީޖަރ ޓެރެއިނިންގ" ހިންގައިފި

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޓަރުންނަށް ކަސްޓަމްސް ކްލިއަރެންސް ޕްރޮސީޖަރ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެދިލެއްވުމަކަށް ކަސްޓަމްސް އެކަޑެމީއިން ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކަސްޓަމްސް އެކަޑެމީގެ ޓްރޭނިންގ ހޯލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އިންވެސްޓިގޭޓަރުން މައްސަލަތައް ތަހުޤީޤު ކުރުމުގައި ކަސްޓަމްސްގެ ޕްރޮސީޖަރ ތަކާއި ޕްރޮސެސްއަށް އަހުލުވެރި ކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމެކެވެ. މުދާ އެތެރެ ކުރުމާއި ބޭރުކުރުމުގެ ކަންކަމާއި ގުޅޭގޮތުން ހެދިފައިވާ ކަސްޓްމްސްގެ ސްޓޭންޑަރޑްތަކާއި ރިސްކް ލެވެލްތައް ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔައިދެވުނެވެ. މީގެ އިތުރުން ކޮންޓެއިނަރތައް ފާސްކުރުމުގައި ގެންގުޅޭ ހަމަތަކާއި މުދާ އެތެރެކޮށް ބޭރު ކުރުމުގައި ޢާއްމުކޮށް ހިނގާ ކޮރަޕްޝަނަށް މަގުފަހިވާ، އަދި ނަޒާހަތްތެރިކަމާދުރު ކަންކަން ކަސްޓަމްސްއިން ދެނެގަންނަން ބޭނުންކުރާ ގޮތްތަކާއި އެކަންކަން ބަލައި، ތަންފީޒުކުރާގޮތްތަކާއި ގުޅޭ މަޢުލޫމާތުވެސް ދެވުނެވެ.

އިންވެސްޓިގޭޓަރުންނަށް ޚާއްސަކޮށްގެން ހިންގުނު މި ތަމްރީނު ޕްރޮގްރާމް ކޮމިޝަނުގެ 36 އިންވެސްޓިގޭޓަރުން ފުރިހަމަ ކޮށްފައިވެއެވެ. މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލާ މަރިޔަމް ޝިއުނާއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓްމްސް އަލްފާޟިލް ޢަބްދުﷲ ޝަރީފާއި ކަސްޓަމްސްގެ އިސްވެރިނާއި ކޮމިޝަނުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.