...

ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އާއި، އެ މަރުކަޒުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި

ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 02 ފާޚާނާއެއް ހެދުމުގެ މަސައްކަތް މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި އެ މަރުކަޒުގެ މުވައްޒަފެއްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކޮށްފައިވާކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި މިއަދު 07 އޭޕްރިލް 2021 ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ސަޢީދު (ސޯފާ / ގއ.ވިލިނގިލި) އާއި، އެ މަރުކަޒުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ނާދިރާ އިސްމާޢީލް (ނިއުމޫން / ގއ.ވިލިނގިލި) ގެ މައްޗަށެވެ.

މި މައްސަލައިގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2014 ވަނަ އަހަރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 02 ފާހާނާއެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށްކަން ލިޔެކިޔުންތަކުންނާއި، މައްސަލައިގެ ތަޙުޤީޤުގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެއެވެ. އެގޮތުން، އެ މަސައްކަތް ހަވާލުކުރުމަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އަދި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމެއް ބާއްވާފައި ނުވާއިރު، އަދި ބައެއް ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާއިރު، އެ ބަދަލުވުންތައް ބޭއްވިކަމަށާއި، އެ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅިކަމަށް ހަދައި، އެ މަސައްކަތް ހަވާލުކުރިފަހުން ލިޔެކިޔުންތައް ތައްޔާރުކޮށްފައިވާކަން ތަޙްޤީޤުން އެނގެއެވެ.

މިފަދައިން ލިޔެކިޔުންތަށް ތައްޔާރުކޮށްފައިވަނީ އެ ލިޔެކިޔުންތަކާ ނުލައި މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ދެވެން ނެތުމުންނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށްފައިވާކަން ދެއްކުމުގެ ބޭނުމުގައިކަން އެނގޭއިރު، މިކަން މިފަދައިން ކޮށްފައިވަނީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަން އެނގިހުރެ، އެ މަރުކަޒުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ނާދިރާ އިސްމާޢީލް (ނިއުމޫން / ގއ.ވިލިނގިލި) ކަން އޭނާގެ އިޢުތިރާފުން އެނގެއެވެ.

މީގެއިތުރުން، އެ މަސައްކަތް ހަވާލުކުރުމަށް ގއ.އަތޮޅު ތަޢުލީމީ މަރުކަޒާއި ތިއަރީ ކޯޕަރޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި އެ މަރުކަޒުގެ ފަރާތުން އެމަރުކަޒުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ސަޢީދު (ސޯފާ / ގއ.ވިލިނގިލި) ސޮއިކުރިއިރު، އެ މަސައްކަތް ހަވާލުކުރުމާ ގުޅިގެން ފުރިހަމަވާންޖެހޭ ލިޔެކިޔުންތައް ފުރިހަމެފައިވޭތޯއާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަން ބަލައި ކަށަވަރުކޮށްފައި ނުވާކަން އެނގެއެވެ. ހަމައެހެންމެ، ފުރިހަމަވާންޖެހޭ ލިޔެކިޔުންތައް ފުރިހަމަވެފައި ނުވާކަން އެނގިހުރެ، އެ މަސައްކަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ބައެއް ލިޔެކިޔުންތަކުގައި އަދި ފައިސާ ދެއްކުމަށް ހުއްދަދިން ފަރާތެއްގެ ގޮތުގައި މުޙައްމަދު ސަޢީދު ސޮއިކޮށްފައިވާކަން ތަޙްޤީޤުން އެނގެއެވެ.

އެހެންކަމުން، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ނާދިރާ އިސްމާޢީލު އާއި އެ މަރުކަޒުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ސަޢީދު އެގޮތަށް ޢަމަލުކޮށްފައިވަނީ، ތިއަރީ ކޯޕަރޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގޭތީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ.