...

ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި


ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 2020 ފެބުރުވަރީ 23 ވީ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ސެޝަންގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމުގެ އަސާސްތަކާއި، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗުތައް އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. 2 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި ޖުމްލަ 26 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއީ ސްކޫލް މާހައުލުގައާއި ކިޔެވުމާއި ކިޔަވައިދިނުމުގެ ތެރެއިން ނަޒާހަތްތެރިކަން ކުރިއަރުވާ، ނަޒާހަތްތެރިކަން އިސްކުރުމަށް ބާރުއަޅާ، އަދި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި މި ކޮމިޝަނުން ކުރިއަށް ގެންދާ ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މި ސެޝަން ހުށަހަޅައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.