...

އޭސީސީއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި 177 މައްސަލަ ނިންމައިފި

2019ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވަނީ 177 މައްސަލަ ބަލާ ނިންމާފައެވެ.އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 532 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މީގެތެރެއިން 177 މައްސަލައަކީ 3 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލައެވެ. 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، 2018ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމާފައިވާ މައްސަލަތައް 45 އިންސައްތަ އިތުރެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމާފައިވަނީ ޖުމްލަ 320 މައްސަލައެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވަނީ 01 މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލައެކެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 177 މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ، ޖުމްލަ 176 މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 318 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، އިޞްލާހުކުރުމަށް 83 އެންގުމެއް އަންގާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތާކަށް އިޞްލާހުކުރުމަށް އެންގިފައިވަނީ 59 އެންގުމެކެވެ.