...

އެންމެ ގިނައިން ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތައް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އޭސީސީގައި އެންމެ ގިނައިން ރަޖިސްޓްރީކުރެވިފައިވަނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓާގުޅޭ 111 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކުރެވިފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރެވިފައިވަނީ ޕްރޮކިއުމަންޓާގުޅޭ 147 މައްސަލައެވެ. މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އޭސީސީގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކަށް ބަލާއިރު، ވަޒީފާއާގުޅޭ ގިނަ މައްސަލަތަކެއް ރަޖިސްޓްރީ ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުސޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. ވަޒީފާއާގުޅޭ 48 މައްސަލައެއް މިއަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރެވިފައިވާއިރު، 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާގުޅޭ 40 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ އިތުރުން، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ 13 މައްސަލައެއް، މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ކޮމިޝަންގައި ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެހެންމެ، ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާއި ގުޅޭ ޖުމްލަ 46 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 57 މައްސަލައެއް މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީކުރެވިފައިވެއެވެ.