...

އޭސީސީއިން 2019ވަނަ އަހަރުގެ ފުރަތަމަ ތިންމަހުގެތެރޭގައި 287 މައްސަލަ ރަޖިސްޓްރީކޮށްފި


މިއަހަރުގެ ފުރަތަމަ ތިންމަހުގެތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ 287 މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި، އޭސީސީއަށް ހުށަހެޅިފައިވާ 268 މައްސަލައާއި އޭސީސީން އިސްނަގައިގެން ބަލަންފެށި 19 މައްސަލައާއެކު ޖުމްލަ 287 މައްސަލަ ރަޖިސްޓްރީކުރެވިފައިވާއިރު، 2018 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރެވިފައިވަނީ 280 މައްސަލައެވެ. އެހެންކަމުން 2018 ވަނަ އަހަރާ އަޅާބަލާއިރު، 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ޢަދަދު 2.50 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކޮމިޝަނުގައި ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަޙްޤީޤުކުރުމަށް ނިންމީ 253 މައްސަލައެވެ. 2018 ވަނަ އަހަރު އެ މުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 248 މައްސަލައެވެ.

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭ މައްސަލަތައް އެ އިޚުތިޞާސް އޮންނަ ކަމާގުޅޭ އިދާރާއަކަށް ފޮނުވަމުންދާ އުޞޫލުގެދަށުން، މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 02 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ފޮނުވިފައެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 16 މައްސަލައެވެ.