...

ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި އޭސީސީން ކަރުދާސް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވި ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރި ވެއްޖެއެވެ. ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި މަހާސިންތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެފައިވާއިރު، ކޮމިޝަނުގެ ފަރާތުން ކަރުދާސް ހުށަހަޅާފައިވަނީ 16 ޖޫން 2019 ގައެވެ. އޭސީސީގެ ފަރާތުން ހުށަހެޅި ކަރުދާހުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ އޭސީސީގެ ފަރާތުން ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާ އުފުލުމުގައި ޢާންމުކޮށް އޭސީސީއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށެވެ. އަދި އޭސީސީގެ ފަރާތުން ކަރުދާސް ހުށަހެޅުމަށްފަހު އޮތް ޕެނަލް ޑިސްކަޝަންގައި، ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށާއި، އެކަމާ ގުޅިގެން އިތުރަށް ކުރެވިދާނެ ކަންތައްތަކަށާއި، ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކަށާއި، ކޮމިޝަނުގެ ތަޙުގީގުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.