...

ފ.މަގޫދޫއިން ގޯތި ދޫކުރުމަށް އަލުން ޢިޢުލާނުކުރުމަށް ފ.މަގޫދޫ ކައުންސިލް އިދާރާގައި އެންގުމާ ގުޅޭ

ގޯތި ދޫކުރުމަށް 14 ޖުލައި 2016 ވަނަ ދުވަހު ފ.މަގޫދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނު ބާޠިލުކޮށް އަލުން ގޯތި ދޫކުރުމަށް އިޢުލާނު ކުރުމަށް ފ.މަގޫދޫ ކައުންސިލްގެ އިދާރާއަށް މި ކޮމިޝަނުން ވަނީ އަންގާފައެވެ.ފ.މަގޫދޫއިން ގޯތިދޫކުރުމާ ގުޅޭ ގޮތުން މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަޙުޤީޤުކުރި ކުރުމުގައި ފާހަގަކުރެވުނުކަންތައްތަކަށް ބަލާއިރު،ފ.މަގޫދޫއިން ގޯތި ދިނުމަށް 2016 ވަނަ އަހަރުގެ ތެރޭގައި ކުރި އިޢުލާނާ ގުޅިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބުނުކަމުގެ ލިޔުން 2017 ވަނަ އަހަރުގެ ތެރޭގައި އެފަރާތްތަކަށް ދޫކުރުމަށްފަހު އެ ނިންމުންތަކަށް މިހިނގާ 2019 ވަނަ އަހަރު ތެރޭގައި ވަނީ ބަދަލު ގެނެސްފައެވެ. 2017ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކަށް ބަދަލުގެނެސް ގޯތި ލިބޭ ފަރާތްތައް އަލުން ކަނޑައެޅުމުގެ ސަބަބުން އޭރު ގޯތި ލިބުނު ކަމަށް ލިޔުން ޙަވާލުކުރެވުނު ބައެއް ފަރާތްތައް އަލުން އިޢުލާންކުރި ލިސްޓުގައި ނުހިމެނި އެމީހުންގެ ބަދަލުގައި އެހެން ފަރާތްތަކެއް އެ ލިސްޓުގައި ހިމަނާފައިވެއެވެ. ތާރީޚު ނުވަތަ މުއްދަތު ބަލަންޖެހޭ ތަންތަނުގެ ތެރެއިން މީހާގެ ޢުމުރާއި، ކާވެނިކުރި ތާރީޚާއި، ޝަރުޢީގޮތުން މީހަކު ނުވަތަ ކުއްޖަކު ބަލަންޖެހުނު ތާރީޚާއި، އެހެން ރަށެއްގައި ދިރިއުޅޭތާ ވީ ދުވަހުގެ މުއްދަތު ފަދަ ކަންކަމުގައި ތާރީޚު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހަޅަން ކުރާ އިޢުލާނުގައި ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚާ ހަމައަށް ކަމަށް ގޯތި ދިނުމަށް ކޮށްފައިވާ އިޢުލާނާ ގުޅޭ ގޯތި ދިނުމުގެ އުސޫލުގެ 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ޕޮއިންޓް ދީފައިވާ ގޮތަށް އެންމެ ގިނަ ބަދަލުތަކެއް ގެނެސްފައިވަނީ ޢުމުރުގެ ބަޔަކަށްކަން ފާހަގަކުރެވެއެވެ. ނަމަވެސް އެ އުސޫލުގެ 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ބައިތަކަށް އެ ބަދަލު ނުގެނެވޭނެއެވެ. ގޯތި ދޫކުރުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެފަހަރު ދީފައިވަނީ 24 މޭ 2016 ގައި ކަމަށްވެފައި، އެ ހުއްދަ ބާޠިލުކޮށްފައިވާކަން ވިދިގެން އައި ދުވަހު (25 މޭ 2016) އަންގާފައިވާއިރު، ގޯތި ދިނުމަށް އިޢުލާންކޮށްފައިވަނީ 14 ޖުލައި 2016 ގައި ކަމަށްވާތީ، ގޯތި ދިނުމަށް އިޢުލާންކޮށްފައިވަނީ އެ ހުއްދަ ބާޠިލުކުރި ފަހުންކަން ފާހަގަކުރެވެއެވެ. ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ ގޯއްޗަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް ގޯތި ދޫކުރުމަށް އެކުލަވާލި ކޮމިޓީން ފާހަގަކޮށްފައިވާއިރު، ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަދައިން އެފަހަރު ގޯއްޗަށް އެދިފައިނުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތަށްވެސް ބަދަލުތަކެއް އައިސްފައިވާނެތީއާއި، އެފަހަރު ގޯއްޗަށް އެދިފައިނުވާ ބައެއް ފަރާތްތަކުންވެސް މިހާރު ގޯތި ބޭނުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެގޮތަށް ޢަމަލުކުރާނަމަ އެކަން ކުރަންޖެހޭނީ ކުރިން ކުރި އިޢުލާން ބާޠިލުކުރުމަށްފަހު ގޯތި ދިނުމަށް އަލުން އިޢުލާންކޮށްގެންނެވެ. އެހެންކަމުން، ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށްފައިވަނީ ގޯތި ދިނުމަށް ކުރި އިޢުލާނާއެކު ޢާންމުކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށްވާތީއާއި، ގޯތި ދިނުމަށް އިޢުލާންކޮށްފައިވަނީ ގޯތި ދިނުމަށް ދިން ހުއްދަ ބާޠިލުކުރިފަހުން ކަމަށްވާތީއާއި، އެ އިޢުލާނާ ގުޅިގެން ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަދައިން އެފަހަރު ގޯއްޗަށް އެދިފައިނުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތަށްވެސް ބަދަލުތަކެއް އައިސްފައިވާނެތީއާއި، އެފަހަރު ގޯއްޗަށް އެދިފައިނުވާ ބައެއް ފަރާތްތަކުންވެސް މިހާރު ގޯތި ބޭނުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އަލުން އިޢުލާންކޮށްގެން ގޯތި ދިނުމުގެ ކަންތައްތައް ކުރިޔަށް ގެންދެއްވުމަށް 29 މޭ 2019 ގައި، މި ކޮމިޝަނުން ވަނީ ފ.މަގޫދޫ ކައުންސިލް އިދާރާއަށް އަންގާފައެވެ.