...

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ގަތް ލޭންޑިންގ ކްރާފްޓާ ގުޅޭ،

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ފަރާތުން ބޮޑު ޚަރަދުކޮށް ލޭންޑިންގ ކްރާފްޓް ގެނައުމަށްފަހު އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، އެ ލޭންޑިންގ ކްރާފްޓް ގަނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ބުނާ މައްސަލަ އެކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެމައްސަލައިގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް (ޕީ.ޖީއަށް) ފޮނުވައިފިއެވެ. އެގޮތުން މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، އެ ލޭންޑިންގ ކްރާފްޓް ގެނައުމުގެ މުޢާމަލާތުގެ ކަންކަން ކުރިއަށްދިޔައިރު، އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ފަރާތުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްކައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.  މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޝަކުވާގައި ބުނާ ލޭންޑިންގ ކްރާފްޓް ގަތުމަށް އިންސްޕެކްޝަންއެއް ހެދުމުގެ ޒިންމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޯޑުން ހަވާލުކޮށްފައިވަނީ އެ ދުވަސްވަރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާއާ ކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ. މި ނިންމުމާ ގުޅިގެން ލޭންޑިންގ ކްރާފްޓުގެ އިންސްޕެކްޝަނެއް ހެދުމަށް އެ ދުވަސްވަރު އެމްޕީއެލްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ އިސްވެރިޔާ އާއެކު، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ އިންޑޮނީޝިއާގެ ސަމަރިންޑާއަށް ދަތުރުކުރިކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވެއެވެ.  އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ބައިވެރިވެ، އިންޑޮނީޝިއާގެ ސަމަރިންޑާގައި ހެދުނު މި އިންސްޕެކްޝަންގައި ވެސް، އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ސްޕެސިފިކޭޝަނާ އިންސްޕެކްޓް ކުރެވޭ ލޭންޑިންގ ކްރާފްޓުގެ ސްޕެސިފިކޭޝަނާ ދިމާވޭތޯ ބަލަން އޭނާ އަންގާފައިނުވެއެވެ. އަދި އެދުވަހު ސަރވޭ ކޮށްފައިވަނީ 350 ޓަނުގެ ލޭންޑިންގ ކްރާފްޓެއް ކަމަށްވާތީ، އެއީ އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ލޭންޑިންގ ކްރާފްޓް ނޫންކަން އެނގެއެވެ.  އެދުވަސްވަރު އެމް.ޕީ.އެލްއިން ޢަމަލުކުރަމުން އައި ޕްރޮކިއުމަންޓް ޕޮލިސީގައި، އެ ކުންފުނިން ހަދާ އެއްބަސްވުންތަކުގައި ހިމަނަންޖެހޭނެކަމަށް ބުނެފައިވާ ބައެއް މާއްދާތައް، ލޭންޑިންގ ކްރާފްޓް ގަތުމުގެ އެއްބަސްވުމުގައި ހިމަނާފައިނުވާކަން ފާހަގަކުރެވެއެވެ.  އެގޮތުން އެ އެއްބަސްވުމުގައި، ލޭންޑިންގ ކްރާފްޓަށް ފައިސާ ދައްކާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް (އެޑްވާންސް 30%، އުޅަނދު ރާއްޖެ އަންނަން ފުރުމުން 30%، އުޅަނދު ޑެލިވަރވުމުން 40%) ބަޔާންކޮށްފައިވާއިރު، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާ ގޮތުން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެންމެ ގިނަވެގެންވެސް ދެވޭނީ މުދަލުގެ ޖުމްލަ އަގުގެ 15% (ފަނަރަ އިންސައްތަ) ކަމަށް ބުނެފައިވާތީ މި އެއްބަސްވުމަކީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ހަދާފައިވާ އެއްބަސްވުމެއްކަން ފާހަގަކުރެވެއެވެ.  އެމްޕީއެލްއިން އެދުވަސްވަރު އަމަލުކުރަމުންއައި ޕްރޮކިއުމަންޓް ޕޮލިސީގައި، އެމްޕީއެލްއަށް މުދާ ނުވަތަ ޚިދުމަތް ހޯދުމަށް ހަދާ އެއްބަސްވުމެއްގައި ހުންނަންޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ޕަރފޯމެންސް ގެރެންޓީ (Performance guarantee)، ޕަރފޯމެންސް ސެކިއުރިޓީ (Performance Security)، ވޭރިއޭޝަން (Variation)، ލިކުއިޑޭޓެޑް ޑެމޭޖަސް (Liquidated Damages) އަދި ވޮރެންޓީ (Warrenty) އާ ބެހޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައިނުވާކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ. އެހެންކަމުން، އެ އެއްބަސްވުމަކީ އެމް.ޕީ.އެލްއިން އަމަލުކުރަމުންއައި ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ހަދާފައިވާ އެއްބަސްވުމެއްކަން އެނގެއެވެ.  ލޭންޑިންގ ކްރާފްޓްގެ އިންސްޕެކްޝަނަށްފަހު ތައްޔާރުކުރި ޕްރީ-ޕާޗޭސް ކޮންޑިޝަން އެންޑް ސަރވޭ ރިޕޯޓުގައި، އެ ލޭންޑިންގ ކްރާފްޓުގައި އަޅާފައިވަނީ، އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ކަމިންސް ބްރޭންޑުގެ އިންޖީނެއް ނޫންކަން އެނގެން އޮތްވާ ވެސް، އެ ލޭންޑިންގ ކްރާފްޓް ގަތުމަށް އެމް.ޕީ.އެލްއިން އެއްބަސްވުން ހަދައި، އެ އެއްބަސްވުމުގައި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ސޮއިކޮށްފައިވާކަން މި މައްސަލައިގެ ތަޙްޤީޤުން އެނގެއެވެ.  މި މުޢާމަލާތުގެ އެޑްވާންސް ފައިސާގެ ގޮތުގައި 3,646,500.00 (ތިން މިލިއަން ހަ ލައްކަ ސާޅީސް ހަހާސް ފަސްސަތޭކަ ރުފިޔާ) ލޯކަލް އެޖެންޓަށް ދައްކާފައިވަނީ ފައިސާ ދެއްކުމަށް އެދި އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ، އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވި މެމޯއަކާ ގުޅިގެންކަން އެނގެއެވެ. އަދި މި ފައިސާ ދައްކާފައިވަނީ ލޭންޑިންގ ކްރާފްޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންކަން ފާހަގަކުރެވެއެވެ. އެއީ އެ ކުންފުންޏަށް ގެއްލުންވާގޮތަށް އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ ކޮށްފައިވާ ކަމެއްކަން ތަޙުޤީޤަށް ފާހަގަކުރެވެއެވެ.  ލޭންޑިންގް ކްރާފްޓް މާލެ ގެނެސް، އެ އުޅަނދު އެމްޕީއެލްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުން އިންސްޕެކްޓް ކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގައި، ލޭންޑިންގ ކްރާފްޓުގެ ކޮންޑިޝަން ރަނގަޅު ނޫން ކަމަށާއި، އެމް.ޕީއެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްއާ އަސްލު އުޅަނދާ އަޅާބަލާއިރު، ގިނަ ތަފާތުތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. ޚާއްސަކޮށް ޕްރޮފޯމާ އިންވޮއިސްގައި ލޭންޑިންގ ކްރާފްޓުގައި އަޅާފައިވާނީ ކަމިންސް ބްރޭންޑުގެ 400 ހޯސްޕަވަރުގެ އާ އިންޖީނެއް ކަމަށް ބުނެފައިވީނަމަވެސް، މާލެ ގެނައި ލޭންޑިންގ ކްރާފްޓުގައި އަޅާފައިވަނީ މިޓްސުބިޝީ ބްރޭންޑުގެ 380 ހޯސްޕަވަރުގެ ބާ އިންޖީނެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ޕްރީ ޕާރޗޭސް ކޮންޑިޝަންއާ އަސްލު އުޅަނދާވެސް ގިނަ ތަފާތުތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.  އެހެންކަމުން، މި ލޭންޑިންގ ކްރާފްޓާ ބެހޭގޮތުން ކުރިން ހަދާފައިވާ އިންސްޕެކްޝަނަކީ ލޭންޑިންގ ކްރާފްޓް ގަތުމަށް އެކަށޭނަ އިންސްޕެކްޝަނެއް ނޫން ކަން ތަހުޤީޤަށް ފާހަގަކުރެއެވެ. އަދި އެމްޕީއެލްގެ ބޯޑުން މި މަސައްކަތް ހަވާލުކުރީ އެކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާއާ ކަމަށްވާތީއާއި، އިންސްޕެކްޝަނަށް ދިޔައީ އޭނާކަމަށް ވާތީއާއި، މީގެއިތުރުން އިންސްޕެކްޝަން ރިޕޯޓުގައި ސޮއިކުރީ ވެސް އޭނާކަމަށްވާތީ، މިއީ އެމްޕީއެލްގެ ޕްރޮކިއުމަންޓް އިސްވެރިޔާގެ ހައިސިއްޔަތުން ޒިންމާ ނަގަންޖެހޭ ކަމެއްކަން މި ކޮމިޝަންގެ ތަހުޤީގަށް ގަބޫލުކުރެވެއެވެ. ލޭންޑިންގ ކްރާފްޓް ގަތް ކުންފުންޏަށް 01 އޮގަސްޓް 2017 ގައި އެމްޕީއެލް އިން ފޮނުވާފައިވާ ސިޓީގައި އެކުންފުނިން ސަޕްލައިކޮށްފައިވާ ލޭންޑިންގ ކްރާފްޓަކީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ފަދަ އާ ލޭންޑިންގް ކްރާފްޓެއްކަމަށް ނުވާތީއާއި، ލޭންޑިންގ ކްރާފްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެމްޕީއެލްގެ އިންސްޕެކްޝަންއަށް ފާހަގަކުރެވިފައިވާތީ، އެމްޕީއެލްއިން ލޭންޑިންގ ކްރާފްޓް ރިޖެކްޓްކޮށް ލޭންޑިންގ ކްރާފްޓް ގަތުމަށް ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެހާތަނަށް އެމްޕީއެލްއިން ދައްކާފައިވާ ފައިސާ އަނބުރާ ދެއްކުމަށް ވެސް އެމް.ޕީ.އެލްއިން އެ ސިޓީގައި އެދިފައިވެއެވެ.  އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިސްވެ ދެންނެވުނު ޢަމަލުތަކުން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ގަސްދު އޭނާގެ އޮތްކަން ތަޙުޤީޤަށް އެނގެއެވެ. އަދި މި މުޢާމަލާތުގައި އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ހެޑުގެ ހައިސިއްޔަތުން އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާކަން ޝައްކެއްނެތް މިންވަރަށް ތަޙުޤީޤަށް ސާބިތުކުރެވޭތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، އޭނާގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްކައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ވަނީ ފޮނުވިފައެވެ.