7ވަނަ އައި.ސީ.އޭ.ސީ ސިމްޕޯސިއަމްގައި އޭސީސީއިން ބައިވެރިވެއްޖެ
22 މޭ 2019
ހޮންކޮންގ ގައި ކުރިއަށްދާ "އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން" (ICAC) ގެ 7ވަނަ ސިމްޕޯސިއަމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ.22 - 24 މޭ 2019 ގެ ނިޔަލަށް ހޮންކޮންގ ގެ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ މި ސިމްޕޯސިއަމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވެފައިވަނީ ކޮމިޝަނުގެ ނާއިބުރައީސް މުޢައްވިޒު ރަޝީދާއި، ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދާއި، ކޮމިޝަނުގެ މެމްބަރު ޔަޒްމީދު މުޙައްމަދު އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު އެވެ.“Fighting Corruption – A New Perspective” މި މަޢުޟޫއަށް ކުރިއަށްދާ މި ސިމްޕޯސިއަމްގެ މައިގަނޑު މަޤުޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާއި ޤާނޫނު ތަންފީޒްކުރާ ފަރާތްތައް އެއްތާކުން ބައްދަލުވެ، އެފަރާތްތަކަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ގެންގުޅުއްވާ ފަންނީ ހުނަރުތަކާއި، ސްޓްރެޓެޖީތައް ބޭނުންކުރާނެ ގޮތްތަކަށް އަހުލުވެރިވުމެވެ. މި ސިމްޕޯސިއަމްގައި، ދައުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އަނބުރާ ހޯދުމާއި، ކޮރަޕްޝަނާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ޤާނޫނު ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް މަޝްވަރާކުރެވޭނެއެވެ. އަދި މީގެއިތުރުން މި ސިމްޕޯސިއަމްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢު ޤަބޫލުކުރާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަންނީ މާހިރުން ބައިވެރިވެ އެބޭފުޅުންނަށް ލިބިފައިވާ މަޢުލޫމާތާއި ތަޖުރިބާވެސް ސިމްޕޯސިއަމްގެ ބައިވެރިންނާ ހިއްސާކުރާނެއެވެ.