...

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ރޭވިފައިވާގޮތުގެ ދިރާސާގެ ހޯދުންތައް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނާ ހިއްސާކޮށްފި

އިމިގްރޭޝަން ނިޒާމުގެ ތެރެއިން ބިދޭސީންނާ ގުޅޭ ކަންތައްތައް ރޭވިފައިވާގޮތް ދެނެގަތުމާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް އުފެދެން ދިމާވާ ސަބަބުތައް ދެނެގަނެ ޤާނޫނާ ގަވާއިދާ އެއްގޮތަށް އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ލަފާދިނުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ދިރާސާ "އިމިގްރޭޝަން ނިޒާމުގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ރޭވިފައިވާގޮތް" އަލަށް ޢައްޔަން ކުރެވުނު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙްމަދު ޙުސައިން އާ އޭސީސީގެ ފަރާތުން ޙިއްޞާކޮށްފިއެވެ. މި ދިރާސާގެ ހޯދުންތައް ޙިއްޞާކޮށްފައިވަނީ، 5 ފެބްރުވަރީ 2019 ގައި، އެކަމަށްޓަކައި އޭސީސީގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މި ބައްދަލުވުމުގައި އޭސީސީގެ ފަރާތުން އެ ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ގުޅުންހުރި ފަންނީ މުވައްޒަފުން ބައިވެރިވެލައްވާފައި ވާއިރު އިމިގްރޭޝަނުގެ ފަރާތުން ކޮންޓްރޯލާރއާއި އަދި އެ މުއައްސަސާގެ އެންމެ އިސް ވެރިން ބައިވެރިވެ ލެއްވިއެވެ. މި ދިރާސާގައި އަލިއަޅުވާލެވިފައިވަނީ ބިދޭސީންގެ ކަންތައްތައް މޮނިޓަރ ކުރުމަށް އިމިގްރޭޝަންގައި މިހާރު ޢަމަލުކުރެވޭ ގަވާއިދުތަކާއި އުޞޫލުތަކާއި ކޯޓާ ދޫކުރުމުގައާއި ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރެވޭ ވަރކް ވީޒާއާއި ވަރކް ޕާރމިޓް ދޫކުރުމުގައި ޢަމަލުކުރެވޭ ގޮތްތަކަށާއި ބިދޭސީންނާބެހޭ މަޢުލޫމާތު ކައުންސިލްތަކުން ބެލެހެއްޓުމުގައި ހުރި މައްސަލަތަކަށާއި ޙައްލުތަކަށެވެ. މި ދިރާސާގެ ހޯދުންތައް، ދައުލަތުގެ ކަމާބެހޭ އިދާރާތާ ކުރިންވެސް އޭސީސީންވަނީ ޙިއްޞާކޮށްފައެވެ.