...

ލ.މުންޑޫ ސްކޫލަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މުސާރަ ނަގާފައިވާ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް، އެ ސްކޫލުގެ މުސާރަ ޝީޓުތަކުގައި އެ މުވައްޒަފުގެ މުސާރަ ހިމަނައި ފައިސާ ދޫކުރުމަށް ޑެޕިއުޓީ ޕްރިންސިޕަލް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމާ ގުޅިގެން އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި 18 މޭ 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ލ.މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި އޭރު ހުރި ޢަލީ އާދަމް (ހިޔާވެހި / ލ.މުންޑޫ) ގެ މައްޗަށެވެ.

ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން ޢަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވެއެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 (އަށާވީސް ހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ނުވަ ލާރި) ގެ ގެއްލުން ވެފައިވާކަމަށް ވެއެވެ. އަދި މި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ ލ.މުންޑޫ ސްކޫލަށް އަންގާފައެވެ.