...

ކޮރަޕްޝަން ހުއްޓުވުމަށް ފަލަސްތީނާއި ދިވެހިރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ  ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އަދި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއަރމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ. މި ފަހުމުނާމާގައި ސޮއިކުރެވުނީ "ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025" ގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުމާއި، މަޢުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.