...

އޭ.ސީ.ސީ އިން ތަޙްޤީޤުކުރަމުންދާ އިންތިޚާބީ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ،

ޤާނޫނު ނަންބަރު 4/2018 )އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، 2019ވަނަ އަހަރުގެ މާރިޗުމަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤުކުރި އިންތިޚާބީ ރިޝްވަތުގެ މައްސަލަތަކުގެ ތެރެއިން 16 މައްސަލަ ތަޙްޤީޤުކޮށް ނިންމައިފިއެވެ. މި މައްސަލަތަކަކީ، އިސްވެ ދެންނެވުނު ޤާނޫނު (ޤާނޫނު ނަންބަރު 4/2018) ގެ 74 ވަނަ މާއްދާގެ (މ)ގެ ދަށުން، އޭ.ސީ.ސީއަށް ލާޒިމްކޮށްފައިވާ ފަދައިން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އޭ.ސީ.ސީއިން އިސްނަގައިގެން އަދި އެކި ފަރާތްތަކުން އޭ.ސީ.ސީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކެވެ. އެގޮތުން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އިންތިޚާބީ ކޮރަޕްޝަންގެ ޖުމްލަ 22 މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 10 މައްސަލައާއި، އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެވެ. އިސްވެ ދެންނެވުނު 22 މައްސަލައިގެ ތެރެއިން މިހާތަނަށް ޖުމްލަ 16 މައްސަލައިގެ ތަޙްޤީޤު މަރުޙަލާ ނިމިފައިވާއިރު، މީގެތެރޭގައި ހިމެނޭ ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާހުރިކަމަށް ބެލެވޭ މައްސަލަތަކުގައި ދަޢުވާކުރުމާގުޅޭގޮތުން ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހާއެކު އޭ.ސީ.ސީއިން ދަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފުރިހަމަކުރަމުންނެވެ. އެގޮތުން، ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދަނީ 04 މައްސަލައެއްގެއެވެ. ހަމައެއާއެކު، އިންތިޚާބީ ކޮރަޕްޝަންގެ އިތުރު 06 މައްސަލައެއް ކޮމިޝަނުން ދަނީ ތަޙްޤީޤުކުރަމުންނެވެ. އިންތިޚާބީ ރިޝްވަތުގެ މައްސަލަތައް ބެލުން އޭ.ސީ.ސީއަށް ލާޒިމުކޮށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ (މ) ގައި ބަޔާންކޮށްފައިވަނީ " މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރަންވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން" މިފަދައިންނެވެ. އަދި މި ޤާނޫގެ ދަށުން 02 ބާވަތެއްގެ އިންތިޚާބީ ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވެއެވެ. އެއީ އެޤާނޫނޫގެ 74ވަނަ މާއްދާގެ (ހ) ގެ (11) ގައި ބަޔާންކޮށްފައިވާ، "އެއްވެސް އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ޙައްޤެއްގެ ބޭނުމެއް ކުރީތީވެ އެއްވެސް އެއްޗެއްގެ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށްވިޔަސް ދިނުން" އާއި، 74ވަނަ މާއްދާގެ (ހ) ގެ (12)ގައި ބަޔާންކޮށްފައިވާ، "އިންތިޚާބަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ތަޢީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިންކަމެއް ކޮށްދޭނެކަމަށް ބުނުން" އެވެ. އަދި އެފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެކަމަށާއި، އެފަދައިން ޢަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީވެސް ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭންއުޅުން ކަމުގައި ބެލެވޭނެކަމަށް މި ދެމާއްދާގައި ބަޔާންކޮށްފައިވެއެވެ.