...

އޭސީސީގެ ވަފުދެއް ޗައިނާއަށް ޒިޔާރަތްކޮށްފި

ޗައިނާގެ ޗިންގޑާއޯ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސެމިނަރ އޮން އެންޓި-ކޮރަޕްޝަން ފޯރ އޮފިޝަލްސް އޮފް މޯލްޑިވްސް 2019" ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަފުދެއް ބައިވެރިވެއްޖެއެވެ. މި ސެމިނަރގެ މައިގަނޑު މަޤްޞަދަކީ ޗައިނާގައި ކޮރަޕްޝަން ހުއްޓުވުމާއި ވިޔަ ނުދިނުމުގައި ގެންގުޅޭ އުޞޫލުތަކާއި، ވަޞީލަތްތަކާ ބެހޭ މަޢުލޫމާތާއި ތަޖްރިބާ ހިއްސާކުރުމެވެ. މީގެ އިތުރުންވެސް މި ވަރކްޝޮޕްގައި ޗައިނާގެ ސަރުކާރުގެ އިދާރީ ހިންގުން ރޭވިފައިވާ ގޮތާއި، ޗައިނާގެ ޘަޤާފަތާއި އާދަކާދައާ ބެހޭގޮތުން މަޢުލޫމާތު ލިބިގެންދާނެއެވެ.މިމަހުގެ 14 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިސެމިނަރގައި އޭސީސީގެ 20 މުވައްޒަފުން ބައިވެރިވެއެވެ. މިސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ސެންޑޮންގ ފޮރިން ޓްރޭޑް ވޮކޭޝަނަލް ކޮލެޖްގެ ރައީސް، މިސްޓަރ ޑިއޯ ޒިއަޑޮންގ ބައިވެރިންނާ މުޚާތަބް ކުރައްވާ ދެ ގައުމުގެ ގުޅުމާއި، ޗައިނާ އާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވިއެވެ.މިދަތުރަކީ ޗައިނާ އެމްބަސީއާ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއި ޗައިނާގެ ސެންޑޮންގ ފޮރިން ޓްރޭޑް ވޮކޭޝަނަލް ކޮލެޖުން އިންތިޒާމްކޮށްގެން ޗައިނާ ސަރުކާރުން ހުރިހާ ޚަރަދެއް ދޭ ގޮތަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.