ޙައްޖު އިންތިޒާމުކުރުމުގެ ނިޒާމާގުޅޭ ދިރާސާ ރިޕޯޓް އޭސީސީއިން އާންމު ކޮށްފި
14 މޭ 2019
ދިވެހިރާއްޖޭގެ ޙައްޖު އިންތިޒާމްކުރުމުގެ ނިޒާމުގައި ހިމެނޭ ކޮރަޕްޝަންގެ ހިރާސް ދެނެގަނެ އެހިރާސްތައް ކުޑަކުރުމަށް ލަފާދިނުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ތައްޔާރުކޮށްފައިވާ ދިރާސާގެ ރިޕޯޓް މިއަދު ޢާންމު ކޮށްފިއެވެ. މި ރިޕޯޓު ޢާންމު ކޮށްފައިވަނީ އެކަމަށްޓަކައި، 14 މެއި 2019 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކޮންފަރެންސް ހޯލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރިޕޯޓު ނެރެދެވާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު އަލްފާޟިލް ޔަޒްމީދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބައެއް ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި، މި ދިރާސާ ރިޕޯޓުގައި ހިމެނޭ މައިގަނޑު ބައިތަކުގެ މައްޗަށް އެކުލެވޭ ޕްރެޒެންޓޭޝަނެއް އޭސީސީގެ ރިސާޗް ޓީމުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާ ވާހަކަފުޅުދެއްކެވިއެވެ. އެ ކަމަނާގެ ވާހަކަފުޅުގައި، ޙައްޖުގެ އަޅުކަމަކީ ދިވެހީން ނުހަނު އިސްކަމެއް ދީގެން އަދާކުރާ އަޅުކަމެއްކަމަށާއި، އެ ކަން އިންތިޒާމުކުރުމުގައި ހިންގާ ކަންކަން ކޮރަޕްޝަނުގެ ހިރާސްއިން ސަލާމަތްވެފައިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ދިރާސާގައި ފާހަގަކޮށްފައި ކަންކަން އިޞްލާޙުކުރުމަށް ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި އިދާރާތަކުން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ. ރާއްޖޭގެ ޙައްޖު އިންތިޒާމްކުރުމުގެ ނިޒާމާ ގުޅޭ ދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ޙައްޖުގެ އަޅުކަން އަދާކުރުމާބެހޭ ކަންކަން ރާވައި އިންތިޒާމްވެފައިވަނީ ނަޒާހަތްތެރިކަމަށް މަގުފަހިވާ ގޮތަށްތޯ ބަލައި އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަންކަން އިޞްލާޙުކުރުމެވެ. މިގޮތުން ޤާނޫނީ އޮނިގަނޑުގައި ހުރި ބައެއް މައްސަލަތަކާއި ޙައްޖު ކޯޓާއާ ގުޅޭ މައްސަލަތަކާއި ޙައްޖަށް މީހުން ގެންދިއުމުގެ ބީލަންތަކާގުޅޭ ކަންކަމާއި، ޙައްޖު އިންތިޒާމްކުރުމާއި ގުޅޭ ވަސީލަތްތަކާއި މުޠައްވިފުންނާއި ޙައްޖު މިޝަންއާ ގުޅޭ މައްސަލަތައް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ޙައްޖު އިންތިޒާމްކުރުމުގެ ނިޡާމްގެ ދިރާސާގެ ރިޕޯޓް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރުވަނީ ޝާއިޢު ކުރެވިފައެވެ.