...

ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ޙައްލުކުރުމަށް މަޝްވަރާ ބައްދަލުވުންތަކެއް އޭސީސީން ފަށައިފި

ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ކަންކަމާއި އެކަމުގެ ޙައްލުތަކާމެދު މަޝްވަރާކުރުމަށް މަޝްވަރާ ބައްދަލުވުންތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަށައިފިއެވެ.

މި ބައްދަލުވުންތަކަކީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމާއި ނަޒާހަތްތެރި މުޖްތަމަޢެއް ބިނާކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އަދި ޢާންމު ރައްޔިތުންނަށް ގެއްލިގެންދާ ފުރުޞަތުތައް އަނބުރާ ހޯދުމުގައި ޢަމަލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކޮމިޝަނުގެ ފަރާތުން ފާހަގަކުރާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ އަދި ދައުލަތް ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއެކު ކުރިއަށް ގެންދެވޭ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެދިފައިވާ ޕޮލިސީތައް އިޞްލާޙުކޮށް، އެކަންކަން ޙައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް ކޮމިޝަނަށް ފާހަގަކުރެވޭ ޙައްލުތައް ކުންފުނިތަކުގެ ބޯޑު މެންބަރުންނާ ދަނީ ހިއްސާ ކުރަމުންނެވެ.

މިގޮތުން މިހާތަނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (ޕ.ލ.ކ) އާއި ޕަބްލިކް ސަރވިސް މީޑިއާ އާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި ސްޓެލްކޯ ގެ ބޯޑުތަކާވަނީ އޭސީސީން ބައްދަލުކޮށްފައެވެ.