މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކެޑަމީއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ހިންގި ކޯހުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި
8 ޖޫން 2026
ދިވެހިބަހުގެ އެކެޑަމީން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ހިންގި "ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުން" ދަސްކޮށްދޭ 10 ގަޑިއިރުގެ ކޯހުގެ ބައިވެރިންނަށް ސެޓިފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ.
މޭ މަހުގެ 19 އިން މޭ 21 އަށް ކުރިޔަށް ގެންދެވުނު މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލް އަލްފާޟިލާ ފާތިމަތު ނިލްފާއެވެ. އޭސީސީގެ ޓްރޭނިންގ މާލަމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު، އެ އެކެޑަމީގެ މެންބަރު އަލްފާޟިލް ޢިއާޒު ޖާދުﷲ ނަސީމް ގެ އިތުރުން އޭސީސީގެ މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް ޢިއާޒު ޖާދުﷲ ނަސީމް ވިދާޅުވީ ބަހަކީ އިންސާނީ މުޖުތަމަޢުތަކުގެ ބިންގާ ކަމަށާއި، މީހުންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމުގައި ބަހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ބަހުގެ ސަބަބުން މީހުންގެ ވިސްނުމާއި، އުޅުމާއި، ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.
އޭސީސީގެ 20 މުވައްޒަފުން މި ތަމްރީނު ފުރިހަމަކޮށް ސެޓިފިކެޓް ޙާޞިލު ކޮށްފައިވެއެވެ.