...

ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރަން ނިންމައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލް (ގ.ފަހިވާގެ / ކ.މާލެ) ގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މިމައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 01 ޖޫން 2026 ގައެވެ.

މި މައްސަލައިގައި، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އެފް) ގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމު ޢަދީލް ޖަލީލްގެ ބޭންކް އެކައުންޓަށް 29,000.00 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވެއެވެ. އަދި މިފައިސާ ބައްސާމު ޢަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވެފައިވެއެވެ.

އަދި، ބައްސާމު ޢަދީލް ޖަލީލް ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައެވެ.  

މިމައްސަލައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުންނެވެ.