އޭސީސީގެ 5 ވަނަ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފި
22 އޭޕްރީލު 2026
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި 5 ވަނަ ސްޓްރެޓީޖިކް ޕްލޭން މިއަދު އާންމުކޮށްފިއެވެ. މި ޕްލޭނަކީ ކޮރަޕްޝަންގެ ހިރާސް ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން، ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެކެވެ.
މި ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުމެވެ. މި ސްޓްރެޓީޖިކް ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އެއީ؛
· ގަވަރނަންސް އަދި އިދާރީ ތަރައްޤީ
· އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ޙާސިލްކުރުން
· ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން
· ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކުރުން
· ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން
މި ޕްލޭންގެ ދަށުން އިދާރީ ގޮތުން ކޮމިޝަން ހަރުދަނާކުރުމަށްޓަކައި ޤާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މަޢުލޫމާތު ދިނުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް މި ޕްލޭންގައި އިސްކަންދީފައިވާނެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އަދި ކުރިޔަށް އޮތް ފަސްއަހަރަށް އެކުލަވާލެވިފައިވާ މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމެވެ. އެގޮތުން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މި ޕްލޭންއަކީ އޭސީސީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް އެޅިގެންދާނެ ވަރުގަދަ ބިންގަލެކެވެ.